ޏ. ފުވައްމުލަކު ދަޑިމަގު އަވަށަށް މިއަދު 12 ފޫޓަށް ވުރެ އެތެރެ އަށް އުދައަރައިފި އެވެ.

ދަނޑިމަގު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް ވިދާޅުވީ މިއަދު މެންދުރު 12:00 ޖަހާއެހާކަންހާއިރު، ގާތްގަނޑަކަށް 12 ފޫޓަށް ވުރެ އެތެރެއަށް އުދަ އަރާފައިވާ ކަމަށެވެ. ނަމަވެސް ގޮނޑުދޮށުގައި ގިނަ އަދަދަކަށް މާގޫ ގަސްތައް ހުރުމުން އަރާ އުދަ ވަކި ހިސާބަކުން ކޮންޓްރޯލްވާ ކަމަށް ނަޖާހު ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ އުދަ އެރުމުގެ ހާދިސާ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކޮށްފައިވާނެ ކަމަށެވެ. އަދި އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ އާންމު ގޮތެއްގައި ހުޅަނގު މޫސުމާ ދިމާކޮށް އުދަ އަރަމުން އަންނަ ކަމަށާއި ނަމަވެސް މިހާ ބޮޑުކޮށް އުދަ އެރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭ ތިން އަތޮޅަކަށް ވަނީ އުދައަރައިފަ އެވެ. އެގޮތުން ރޭ ފަތިހު އެންމެ ބޮޑަށް އުދަ އެރި އެއް ރަށަކީ ސ. މަރަދޫ ފޭދޫ އާއި އައްޑު އަތޮޅު ގަމެވެ. މީގެ އިތުރުން ގދ. ފަރެސް މާތޮޑާ އަށާއި ރަތަފަންދޫ އާއި ނަޑައްލާއަށް ވެސް އުދަ އެރި އެވެ. ފަތިހު އުދަ އެރި އެއް ވެސް ރަށަކުން ގެއްލުމެއް ވެގެން މިހާތަނަށް ރިޕޯޓެއް ކޮށްފައިނުވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓުން ބުނީ ކުރިއަށް ދެ ދުވަހު ވެސް ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށެވެ.