ސޯޗީ (ނޮވެމްބަރު 22): ސީރިއާ ހަނގުރާމައިގައި އެގައުމުގެ ސަރުކާރަށް ވާގިވެރިވެ، ގައުމު ސަލާމަތްކޮށްދެއްވީތީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ޝުކުރުވެރިވާ ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އަސަދު އެފަދައިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ރަޝިއާއަށް ކުއްލި ގޮތަކަށް ކުރެއްވި ދަތުރުފުޅެއްގައި ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.

ރަޝިއާގެ ސޯޗީގައި ބޭއްވި އެބައްދަލުވުމުގައި ދެ ރައީސުން ވަނީ ސީރިއާގެ ހަނގުރާމައާ ބެހޭ ގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ކަމަށް ރަޝިއާ ސަރުކާރުން ބުނެ އެވެ. އަދި އަސަދު ހުންނެވީ ސީރިއާގެ މައްސަލަ ހައްލު ކުރަން ބޭނުންވާ ފަރާތްތަކާ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި ކަމަށް އެބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެބައްދަލުވުމުގައި ޕުޓިން ވަނީ އަސަދު ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާފައި ކަމަށް ވެސް ރަޝިއާ ސަރުކާރުން ބުނެ އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވްއާ ހަވާލާދީ އާރުއައިއޭ ނޫސް އޭޖެންސީގައިވާ ގޮތުން އެބައްދަލުވުން ހަތަރު ގަޑިއިރަށް ދެމިގެންގޮސްފައިވެ އެވެ.

އަސަދު ރަޝިއާއަށް ކުރެއްވި އެ ދަތުރުފުޅަކީ 2011 ވަނަ އަހަރު ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން އޭނާ ގައުމުން ބޭރަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ރަޝިއާ އިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވި ފަހުން އަސަދާއި ޕުޓިން ވަނީ މޮސްކޯގައި ބައްދަލު ކުރައްވައިފަ އެވެ.

ސީރިއާގަ ހަނގުރާމައިގައި މިހާތަނަށް 465،000 މީހުން މަރުވެ، 12 މިލިއަން މީހުން ގެދޮރުނެތިފައިވެ އެވެ. (އަލްޖަޒީރާ)