ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި"ގެ ޓީޒާ ދައްކާލައިފިއެވެ.

ޓީޒާގައި ފެންނަނީ އަނިޔާތަކެއްގެ ޝިކާރައަކަށްވެފައިވާ ނިއުމާ އަމިއްލަ އަށް އޭނާގެ ބޮލުން ބިއްލޫރިގަނޑެއްގައި ތަޅާ މަންޒަރެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރެއްގައި މިދާއިރާއަށްވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. ހުރިހާ ގޮތަކުންވެސް ހާއްސަ ފިލްމަކަށް މި ފިލްމް ވެގެންދާނެ،" ނިއުމާ ބުންޏެވެ.

އަންނަ އަހަރު އޮކްޓޯބަރު މަހުގައި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވާއިރު އެ ފިލްމު ލިޔެ ޑައިރެކްޓް ކުރަނީ މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު މޫމިން ފުއާދެވެ.

އެ ފިލްމް ލޯންޗްކޮށްފައިވަނީ ފިލްމީ ދާއިރާގައި ނިއުމާ ހޭދަކުރި 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20" ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.

ނިއުމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރި ފިލްމް "ނޯޓީ 40" އިންނެވެ.