ޔުއެފާ ޗެމްޕިއަންސް ލީގުގައި ފޭޔެނޫޑްގެ މައްޗަށް ކުރި ހޯދައި މެންޗެސްޓާ ސިޓީން ގްރޫޕު 'އޭ'ގެ އެއްވަނަ މަގާމު ކަށަވަރުކޮށްފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 0-1ގެ ނަތީޖާ އަކުންނެވެ. ގްރޫޕްގެ ދެވަނާގައި ނުވަ ޕޮއިންޓާ އެކު ޝަހްތަރު ޑޮނެޓްސްކް އޮތް އިރު، ތިންވަނާގައި ހަ ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ފޭޔެނޫޑް އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފެއް ނުވެ އެވެ. އަދި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ވެސް ނުވެ އެވެ.

ނަމަވެސް ދެވަނަ ހާފްގައި ސިޓީން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފަ އެވެ. އެގޮތުން މި ހާފުގައި އެޓީމުން ދިޔައީ ފޭޔެނޫޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުންނެވެ.

މި މެޗުން ސިޓީ މޮޅުވި ގޯލު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނެޓްގަ އެވެ. ގުންޑޮގާން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މިއީ މި ސީޒަނުގައި ސްޓާލިން ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

އެ ގްރޫޕުގައި ރޭ ނަޕޯލީ ވަނީ ޝަހްތަރު ޑޮނެޓްސްކް 0-3 އިން ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓައިފަ އެވެ.

ރޭގެ މެޗަކީ ސިޓީން ޖެހިޖެހިގެން ހޯދި 17 ވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ. ގްރޫޕްގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ ޝަހްތަރު ޑޮނެޓްސްކްއާ އެވެ.