22 Nov 2017, 09:52
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ތިން ލަނޑުގެ ލީޑެއްގައި އޮއްވައި ސެވިއްޔާއިން ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗުން ޕޮއިންޓެއް ހޯދައިފިއެވެ.
މި ނަތީޖާއާ އެކު ވެސް ގްރޫޕް "އީ"ގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ލިވަޕޫލެވެ. ދެވަނައިގައި އަށް ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ގްރޫޕްގެ ތިންވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ސްޕާޓަކް މޮސްކޯއެވެ. އަދި ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ މަރިބޯއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސެވިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ދެވަނަ މިނެޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ އަށް މިނެޓްފަހުން ފިރްމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލުން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެން ޔެޑާ ވަނީ ލަނޑެއް ޖަހައި ސެވިއްޔާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓްގައި ސެވިއްޔާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބެން ޔެޑާއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސެވިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ސެވިއްޔާއިން ރަނގަޅަށް ކުޅެ، ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ގުއިޑޯ ޕިޒާރޯ ވަނީ ސެވިއްޔާއަށް ނަތީޖާ އެއްވަރުކޮށްދީ، ޕޮއިންޓެއް މި މެޗުން އެޓީމަށް ހޯދައި ދީފައެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ލިވަޕޫލަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ ސްޕާޓަކް މޮސްކޯއާ އެވެ.