ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި އަގު ދީގެން އާއްމު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ވެހިކަލްތައް ފިޔަވައި އާންމު އެހެން ވެހިކަލްތަކުގެ ރޯޑް ވާދިނަސް ނެތަސް، ދުއްވުން މަނާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ބަންޑާރަ ނައިބު އޮފީހުގައި ދަންނަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އެ މައްސަލަ އިސްތިއުނާފު ކުރެވެންދެން ރޯޑް ވާދިނަސް ހައްދަން ޖެހޭނެ ކަމަށް މިނިސްޓްރީން ދެކޭ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ. މިނިސްޓާ ވިދާޅުވީ، އާއްމު ދަތުރުފަތުރުކުރުމަށާއި އަދި އެއްގަމު ދަތުރުފަތުރު ކުރުމަށް ވެސް ބޭނުންކުރަނީ އެއް ވެހިކަލްތަކެއް ކަމަށާއި އެ ހުރިހާ ވެހިކަލްތައްގެ ވެސް ރޯޑް ވާދިނަސް ހައްދަން ޖެހޭ ކަމަށެވެ.

"ގާނޫނުގައި ހުރިހާ ކަމެއް ތަފްސީލުކޮށް ބަޔާންކޮށްފައެއް ނުހުރޭ. ގާނޫނުގައި ރޯޑްވާދިނަސް ހަދަންޖެހޭ ގޮތަށް ހިމަނާފައިވަނީ ހުރިހާ ވެހިކަލެއްގެ ރޯޑް ވާދިނަސް ހައްދަންޖެހޭ ގޮތަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓާ ވިދާޅުވި އެވެ. އަދި ތަފުސީލު ކޮށްދެއްވެވި އެވެ: "އެއްވެސް ބަލައިލުމެއް ނެތި ކޮންމެ ވެހިކަލަކަށް މަގު މައްޗަށް ނުކުމެވޭ ކަމަށްވަންޏާ އާއްމުންގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކާ ދޭތެރޭވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ،"

އާދިލް ވިދާޅުވީ، ގާނޫނު އިސްލާހުކުރުމަކީ ވެސް އޮތް ގޮތެއް ކަމަށާއި އެހެންނަމަވެސް އެމަގުން އެކަން ނުކުރެއްވީ މިހާރު މަޖިލީހުގައި ކަންކަން ކުރިއަށްދާ ގޮތުން އެހާ އަވަސް ސްޕީޑެއްގައި އެ މައްސަލަ ނުނިމޭނެތީ ކަމަށެވެ.

އަދި ހައި ކޯޓުން ގޮތެއް ނިންމާނީ ގާނޫނުގައި ރައްޔިތުން ރައްކާތެރިކުރުމަށް އޮންނަ މަހްފޫމަށް ބެއްލެވުމަށް ފަހު ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުލައި 21، 2011 ގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނަނީ، ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭ ރޯޑް ވާދިނަސް ނުހަދައިގެން، ރޯޑް ވާދިނަސް ބާތިލުވެފައިވާ ވެހިކަލްތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ވެހިކަލްތައް ދުއްވުން މަނާ ނުކުރެވޭނެ އެވެ. އަދި އެގޮތަށް މަނާކުރެވޭނީ ހަމައެކަނި "އާއްމު ދަތުރުފަތުރު" ތަކަށް ބޭނުންކުރާ ވެހިކަލްތަކާއި އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލްތައް ކަމަށް ވެސް އެހުކުމްގައި ބުނެފައިވެ އެވެ.

ގާޒީ މަރިޔަމް ނިހާޔަތު މައްސަލަ ބެއްލެވުމަށް ފަހު އެގޮތަށް ނިންމަވާފައި ވަނީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ރޯޑް ވާދިނަސް ބާތިލުވާ އުޅަނދުތައް ދުއްވުން މަނާ ކުރެވޭނީ އާއްމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ކަމަށާއި އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކަމަށް ބުނެފައިވާތީ އެވެ. އަދި ހަމަ އެގާނޫނުގައި "އެއްގަމު ދަތުރުފަތުރު" އަދި "އާއްމު ދަތުރުފަތުރު" މި ދެ އިބާރާތް ވަކިވަކިން މާނަކޮށް، ބޭނުންކޮށްފައިވާތީ އެވެ.