22 Nov 2017, 08:55
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު 'ބޮމްބޭ ޓޯކީޒް 2.0' ގެ ލީޑު ރޯލަށް ފިލްމު 'މަސާން' އިން މަޝްހޫރުކަން ހޯދި ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް ހަމަޖައްސައިފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'މަސާން' އަށްފަހު ވިކީ އަށް ގިނަ ޑައިރެކްޓަރުންގެ ޝައުގުވެރިކަން ވަނީ ލިބެން ފަށައިފައެވެ. އެގޮތުން 'ރާމަން ރާގަވް'، 'ޒުބާން'، ފަދަ ފިލްމުތަކުން ފެނިގެން ދިއުމަށްފަހު، ސަންޖޭ ދަތުގެ ބަޔޮޕިކްގެ މުހިންމު ރޯލަކުން ވެސް އޭނާ ފެނިގެންދާނެއެވެ. ހަމައެއާއެކު މޭގްނާ ގުލްޒާރުގެ ކުރިއަށް އޮތް ފިލްމު 'ރާޒީ'ގައި އާލިއާ ބަޓް އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ވެސް ވިކީއެވެ. އެއަށްފަހު ވިކީއަށް ޝައުގުވެރިވީ ކަރަން އެވެ.
ކަރަންގެ ފިލްމުން ފުރުސަތު ލިބިފައިވާ ކަމަށާއި، އަދި ފިލްމަށް އެއްބަސްވެފައިވާކަން ހާމަކުރަމުން ވިކީ ބުނެފައި ވަނީ، ކަރަން ފަދަ ކާމިޔާބު ޑައިރެކްޓަރުން އޭނާއަށް ފުރުސަތު ދިނުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި ކަރަންގެ ޑައިރެކްޝަނެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ވެސް ވިކީ ބުންޏެވެ.
'ބޮމްބޭ ޓޯކީޒް 2.0'ގައި ވިކީ އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ކިއާރާ އަދްވާނީއެވެ. އަދި މުހިންމު ރޯލަކުން ނޭހާ ދޫޕިއާ ވެސް ފެނިގެން ދާނެއެވެ.
ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.