ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނިކޮށް އެ ފިލްމު ރިލީޒްކުރުން ފަސްކޮށްފައެވެ. އަދި ފިލްމު ނޭޅުވޭނެކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް އެ ފިލްމް އެޅުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބޮތް ކަމަށް ފިލްމުގެ ލީޑް އެކްޓަރު ޝާހިދު ކަޕޫރު ބުނެފިއެވެ.

ޕަދްމަވަތީގައި މުސްލިމް ރަސްކަލަކު ހިންދޫންގެ ރާނީއަކާ ލޯބީގެ ގޮތުން ގުޅޭ ހާދިސާއެއް ދައްކާ ކަމަށް ބުނެ، ހިންދޫންގެ ބައެއް މީހުން ދަނީ ފިލްމަށް އެކި ގޮތްގޮތުން ހުރަސްތަކެއް އަޅަމުންނެވެ.

ޝޫޓިން ފެށި ހިސާބުން ވެސް ފިލްމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ޑައިރެކްޓަރު ބަންސާލީއަށް ހަމަލާ ދިނުމުގެ އިތުރުން ފިލްމުގެ ސެޓުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާއިން ވަނީ އެ މީހުންނަށް ނުދައްކައި ފިލްމު ރިލީޒްކޮށްފި ނަމަ ސިނަމާތައް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

"ކުރިން ހަމަ މިކަހަލަ މައްސަލަތަކެއް 'އުޅްތާ ބަންޖާބު' ފިލްމަށްވެސް ދިމާވި. އެތައް ހުރަސްތަކާ އެކީ ފިލްމް އެޅުވިގެން ދިޔައީ. އެކަމަކު ހާދަ ބޮޑު ކާމިޔާބެކޭ އެ ފިލްމް ވެސް ހޯދީ. މި ފިލްމް ވެސް ސިނަމާތަކުގައި އަޅުވާނަން. އަދި ކާމިޔާބު ހިޓް ފިލްމަކަށް ވެސް ހަދާނަން. މި ފިލްމަކީ މުޅި އިންޑިއާ ވެސް ފަހުރުވެރިވާނެ ފިލްމެއް،" އޭނާ ބުންޏެވެ.