22 Nov 2017, 08:24
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ކޮރެއޮގްރާފަރު ރޭމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމު 'ޑާންސިންގ ޑޭޑް' ގެ ލީޑު ރޯލަށް ސަލްމާންގެ ބަދަލުގައި ވަރުން ދަވާން ހަމަޖައްސައިފައި ވާކަމަށް ޚަބަރުތައް ބުނެފި އެވެ.
ފިލްމަށް ވަރުން ހަމަޖެއްސީ ސަލްމާން ފިލްމު ދޫކޮށްލުމުންނެވެ. ޚަބަރުތައް ބުނާގޮތުން ސަލްމާން ފިލްމު ދޫކޮށްލީ އެއީ ނެށުމަށް ޚާއްސަ ފިލްމަކަށް ވެފައި، މޮޅަށް ނެށުމަކީ އޭނާއަށް ލިބިފައިވާ ހުނަރަކަށް ނުވާތީ އެވެ.
ފިލްމުގެ ލީޑު އަދާކުރާނީ ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައެއްގެ ރޯލެވެ. ބައްޕައެއްގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރެވޭނެ ކަމާމެދު ސަލްމާން ޝައްކު ކުރި ކަމަށާއި ފިލްމު ދޫކޮށްލީ އެހެންވެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ރޭމޯގެ އެ ފިލްމު ދޫކޮށްލުމަށްފަހު ސަލްމާން މިހާރު އަންނަނީ 'ރޭސް 3' ގެ މަސައްކަތް ކުރަމުންނެވެ. 'ރޭސް 3' ވެސް ޑައިރެކްޓު ކުރަނީ ރޭމޯ އެވެ.
ސަލްމާން ފިލްމު ދޫކޮށްލުމުން ރޭމޯ ފިލްމު ހުށަހެޅީ އަރަމުން އަންނަ ކުޅަދާނަ އެކްޓަރު ވަރުން އަށެވެ. ވަރުން ވަނީ ވަގުތުން ފިލްމަށް އެއްބަސްވެފައެވެ. ވަރުން ވަނީ މީގެ ކުރިން ރޭމޯގެ ފިލްމު 'އޭބީސީޑީ 2' ގައި ވެސް މަސައްކަތް ކޮށްފައެވެ.
ފިލްމުގައި ވަރުން އާއެކު ފެނިގެން ދަނީ ބަތަލާ ޖެކްލީން ފާނަންޑެޒް އެވެ.
ފިލްމުގައި ނެށުމުގެ ހުނަރު ދައްކާލާ ޝޯވ އެއްގައި ބައިވެރިވާން ވަރުން އެއްބަސް ވަނީ ދަރިފުޅުގެ އެދުމުގެ މަތިންނެވެ. ވަރުންގެ އަންހެނުން މަރުވުމުގެ ކުރިން ވަނީ ދަރިފުޅުގެ ކޮންމެ އެދުމެއް ފުއްދައިދިނުމަށް ވަރުން އަށް ވަސިއްޔަތް ކޮށްފައެވެ. އެކަމުގައި ވަރުން އަށް އެހީތެރި ވާނީ ޖެކްލީން އެވެ.