22 Nov 2017, 08:45
އަޕޮއެލް ނިކޯސިއާ އަތުން ހޯދި ފަސޭހަ މޮޅާ އެކު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި އަޕޮއެލްގެ މައްޗަށް ރެއާލުން ކުރި ހޯދާފައި ވަނީ 6-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ ކުރީކޮޅު ރެއާލަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، އެ ޓީމުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަޕޮއެލްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗް އެވެ.
ރެއާލުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ދިން ބޯޅައަކުން ރެއާލްގެ ދެ ވަނަ ލަނޑު ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން އިރު، މެޗުގެ 41 ވަނަ މިނެޓުގައި ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނާޗޯއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބެންޒެމާއެވެ.
މެޗުގެ ދެ ވަނަ ހާފު ވެސް ރެއާލުން ފެށީ ވަރުގަދަ ކުޅުމަކާ އެކުއެވެ. ނަތީޖާއެއްގެ ގޮތުން ރެއާލުން ވަނީ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ފަސް ލަނޑުގެ ލީޑެއް ހޯދައިފައެވެ. މާސެލޯ ނަގައިދިން ރީތި ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ތަރި ރޮނާލްޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަޕޮއެލްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުމުގެ ކުރިން ރޮނާލްޑޯގެ އިތުރު ލަނޑެއް ފެނިގެންދިޔައެވެ. ބެންޒެމާ ދިން ބޯޅަ، އަޕޮއެލްގެ ގޯލުގެ ތެރެއަށް ރޮނާލްޑޯ ބޯޅަ ފޮނުވާލި އިރު، ކީޕަރު ނައުޒެޓް ޕެރޭޒް ހުރީ ކުރިއަށް ނުކުމެ އެވެ. އެއީ މިއަހަރުގެ ތެރޭގައި ރޮނާލްޑޯ ކާމިޔާބުކުރި 18 ވަނަ ޗެމްޕިއަންސް ލީގު ގޯލެވެ.
ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ އަނެއް މެޗުގައި ގަދަ 16ގެ ޖާގައެއް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 2-1 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ޕިއެރޭ އެމެރިކް އޯބަމަޔާން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 46 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ހޯދައިދިނީ ސޮން ހިޔުން މިން އެވެ.
'ގްރޫޕް އެފް'ގައި ރޭ ކުޅުނު މެޗުގައި ފެޔެނޫޑްގެ މައްޗަށް މެންޗެސްޓާ ސިޓީން ކުރި ހޯދި އިރު، ނަޕޯލީ އިން ވަނީ ޝަޚްތާރް ޑޮނެސްކް އަތުން 3-0 ލަނޑުން މޮޅުވެފަ އެވެ. ފެޔެނޫޑް ކޮޅަށް ސިޓީ އިން ކާމިޔާބުކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ޝަޚްތާރް ކޮޅަށް ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ލޮރެންޒޯ އިންސިގްނޭ އާއި ޕިއޮޓާ ޒިއެލިންސްކީ އަދި ޑްރިއެސް މާޓެންސް އެވެ. އެ ގްރޫޕުން ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ ހަމައެކަނި ސިޓީ އެވެ.
ރޭ ކުޅުނު 'ގްރޫޕް ޖީ'ގެ މެޗުގައި އާރްބީ ލެއިޕްޒިގް އިން ވަނީ މޮނާކޯގެ މައްޗަށް 4-1 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އެ މެޗުގައި މޮނާކޯގެ ޖެމާސަން އަތުން ބައިކޮޅަށް ލަނޑެއް ވަން އިރު، ލެއިޕްޒިގަށް ޓިމޯ ވާނާ ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ނަބީ ކީޓާއެވެ. މޮނާކޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ރަޑަމެލް ފަލްކާއޯ އެވެ. އެ ގްރޫޕުން ގަދަ 16ގެ ޖާގައެއް ހޯދާފައިވާ ހަމައެކަނި ޓީމަކީ ބެސިކްޓާސް އެވެ.
'ގްރޫޕް އީ'ގައި ރޭ ލިވަޕޫލާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ރޮބާޓޯ ފާމީނޯ ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭ އެވެ. ދެ ވަނަ ހާފުގައި ސެވިއްޔާއިން ވަނީ ތިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސެވިއްޔާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ވިސާމް ބެން ޔެޑާރް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ގުއިޑޯ ޕިޒާރޯ އެވެ.