22 Nov 2017, 00:13
ގދ. އަތޮޅަށް ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވާ ކަންތައްތަކަށް އެ އަތޮޅުގެ ރައްޔިތުން އިހުލާސްތެރި ވާން ޖެހޭނެ ކަމަށް ވިދާޅުވެ، އެ އަތޮޅު ތިނަދޫގެ ރައްޔިތުންނަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސުވާލުތަކެއް ކުރިމަތި ކޮށްފި އެވެ.
"އިންސާނާ ކުރާ އެއްވެސް ކަމެއް އިހުލާސްތެރިކަމެއްގެ އެއްވެސް މިންވަރެއް ނެތިއްޖެނަމަ އެއީ ބޭކާރު ވެގެންދާ ކަމެއް. ކޮންމެވެސް ވަރެއްގެ އިހުލާސްތެރި ކަމެއް އޮންނަން ޖެހޭނެ،"
ގދ. އަތޮޅުގެ 10 ރަށުގައި ތިބި 11،000 އަށްވުރެ ގިނަ ރައްޔިތުންނާ މުހާތަބު ކުރައްވައި އަދި ތިނަދޫއަށް އުފަންވި މީހެއްގެ ހައިސިއްޔަތުން ޕީޕީއެމްގެ ރުމާލު2 ގައި ބޭއްވި ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅު ނިހާން ފެއްޓެވީ މިހެންނެވެ.

ރުމާލު 2 ޖަގަހާގައި މިރޭ ބޭއްވި ޖަލްސާއަށް، ޕީޕީއެމްގެ އާންމު މެމްބަރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނިހާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިނަދޫއަށް ވެވަޑައިގަތް އެއްވެސް ވައުދެއް ފުއްދިފައި ނުވާކަން އެއީ ފެންނަން ހުރި ހަގީގަތެއް ކަމަށެވެ.
ނަމަވެސް ހާއްސަ ވިސްނުންފުޅާ އެކީގައި ހާއްސަ ހާލަތެއް ކުރިމަތިވެފައިވާ ރަށެއްކަން ގަބޫލު ކުރައްވާ ތިނަދޫ އަށް ވޭތުވެދިޔަ ދުވަސްތަކުގައި އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ގެންދެވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ވެސް ގދ. އަތޮޅަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
"ދަންނަވަން މިއުޅޭ ނުކުތާއަކީ ތިނަދޫ އާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ރައީސް ޔާމީންވި ގުރުބާނީގެ އަގު ކޮބައިތޯ އޭ. އެމަނިކުފާނުގެ ޕާލިމެންޓަރީ ގްރޫޕުގައި ތިބެ މި ގައުމަށް ވަރަށް ބޮޑަށް ގައްދާރުވެ، މިގައުމު ރާއްޖޭން ބީވާ ހިސާބަށް ގެންދަން ތިނަދޫގެ ދެ މެމްބަރުން ބައިވެރިވި،" ޕީޕީއެމް ދޫކޮށްދިޔަ ތިނަދޫ ދާއިރާގެ ދެ މަޖިލިސް މެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދާއި ސައުދުﷲ ހިލްމީގެ ނަން ފާހަގަކުރައްވާ ނިހާން ވިދާޅުވި އެވެ.
މިހާރު ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ޕީޕީއެމާ ވަކިވެވަޑައިގެންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާ ފެންމަތިވެފައި ވަނިކޮށެވެ.
"ހުވަދޫ ބޮޑު ޖަލްސާ"ގެ ނަމުގައި ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރު ވަމުންދާ ޖަލްސާގެ ވާހަކަ ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ، ގދ. އަތޮޅުގެ ރައްޔިތުންގެ އިހުލާސްތެރި ކަމެއް ހުރިނަމަ ކޯލިޝަންގެ ބޭފުޅުން ތިނަދޫއަށް ގޮސް ޖަހަން އުޅޭ "ސަކަރާތުގައި" ބައިވެރިވެގެން ނުވާނެ ކަމަށެވެ.
ގައުމު މި ހާލަތުގައި ހިނގަހިނގާ އޮއްވާ އެތެރެއާ ބޭރުން ހަމަލާދޭން އުޅޭ ބޭފުޅުން ދެން އަޅާ ފިޔަވަޅަކާހުރެ، ސަރުކާރުން ވެސް ކުރާ މަސައްކަތް ބަދަލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ނިހާން ވަނީ އިދިކޮޅު ފަރާތްތަކަށް މިރޭގެ ޖަލްސާގައި ނުސީދާކޮށް އިންޒާރެއް ދެއްވާފަ އެވެ.
އަދި ވިދާޅުވީ، ރައީސް ޔާމީން ތިނަދޫއަށް ގެންނަވާ ތަރައްގީ ގަބޫލު ކުރާ އެ ރަށުގެ ރައްޔިތުންނާއެކު ނުކުމެ ރައްޔިތުން މަޖިލީހުގެ ގެއްލިފައިވާ ތިނަދޫ ދާއިރާގެ ދެ ގޮނޑީގެ ބައި އިލެކްޝަން ކާމިޔާބު ކުރަން ތައްޔާރުވާންޖެހޭ ކަމަށެވެ.
"ގައުމުގެ ތަރައްގީ އާއި ތިނަދޫއަށްޓަކާ ބެހެއްޓެވި އިހުލާސްތެރިކަން ގަބޫލުކުރާ މީހުުން ތިނަދޫގައި އެބަ ތިބި. ﷲ އިރާދަކުރެއްވިއްޔާ އެ މީހުން ގެތަކުން ނެރެ. މި ދެންނެވި ފާސިގުންނާއި ހާއިނުންނާއި ބާގީން އަޅުނގަޑުމެން ސާފު އިބާރާތުން ބަލި ކުރާނަން. ތިނަދޫ ބައި އިލެކްޝަންގެ ދެ ގޮނޑި ކާމިޔާބު ކުރަން ތައްޔާރުވާން ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.