21 Nov 2017, 23:27
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުންނެވީ ކުރިއަށް އޮތް ރިޔާސީ ދައުރަށް ވެސް ހޮވިވަޑައިގެންފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޖަގަހަ، "ރުމާލު 2"ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ މިހާރުވެސް އިންތިހާބެއް ބާއްވައިފިނަމަ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު: އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ރައްދު ކުރެއްވި--- ސަން ފޮޓޯ/ ފަޔާޒު މޫސާ
"2018 މިހާރު ވެސް ރައީސް ޔާމީން ހުންނެވީ ހޮވިވަޑައިގެންފައި. ވޯޓެއް ބާއްވަންވީ މިހާރު ވެސް. މިއީ 2018 ގައި އެބުނާ ފާޓުފުޅާ ކޯލިޝަނުން އަންނަ މީހަކަށް މިގައުމުގެ ރައްޔިތުން ވޯޓު ދީފާނެ ކަމަށް. ނުވާނެ،" ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީއަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އައްޑޫއިން ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށެވެ.
"އައްޑު އަތޮޅުން ބޮޑުތަނުން ގެންދާނެ. ކޮބައިތޯ ތިބުނާ އެމްޑީޕީ. ކޮބައިތޯ އިދިކޮޅު. ނުކުރޭނެ ނުކުރޭނެ. ލުހެލާނަން. ބުޑުން ލުހެލާނަން. ލާހިކެއް ނޫން،" ޝާޑު ވިދާޅުވި އެވެ.
ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުން ހިތްހަމަޖެހޭ ބަޖެޓެއްކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ހުރިހާ ރަށެއްގައި ޕްރޮޖެކްޓުތައް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު ފެންނަނީ އުޖާލާކޮށް ކަމަށެވެ.
އިދިކޮޮޅު ފަރާތްތަކުގެ ދާއިރާތަކަށް ބަޖެޓުގައި ފައިސާއެއް ނެތްކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަމުންދާތީ، އެކަމަށް ރައްދު ދެއްވައި ޝާޑު ވިދާޅުވީ، އެއީ ރައްޔިތުން ގުބޯ ހައްދަން ދައްކާ ވާހަކަ ކަމަށާއި އެކަމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ގައުމު ދަރަނިވެރިވާ ވާހަކައަކީ އާ ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދަޅުވީ، ސަރުކާރުން ލޯނު ނަގަނީ ރައީސް ޔާމީން ބޭނުންފުޅު ކަންކަން ކުރައްވަން ނޫން ކަމަށާއި ސަރުކާރު ވިކިގެން ވެސް ދާއިރާގެ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި އެކަން ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.