ވެރިކަމުގައި 37 އަހަރު ހުންނެވުމަށް ފަހު ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އެންމެފަހުން އިސްތިއުފާ ދެއްވައިފި ކަމަށް އެ ގައުމުގެ ޕާލިމަންޓުން ބުނެފި އެވެ.

މުގާބޭ އިސްތިއުފާ ދެއްވިކަން އިއުލާން ކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނީ މުގާބޭ އިސްތިއުފާގެ ސިޓީ މިއަދު ހަވީރު އެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

މުގާބޭ މިއަދު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވަން އެޖެންޑާކޮށްފަައިވަނިކޮށެވެ.

މުގާބޭ އިސްތިއުފާ ދެއްވީ އެ ގައުމުގެ ސިފައިން އަސްކަރީ ބަޣާވާތެއް ގެނެސް މުގާބޭ އާއި އޭނާގެ އަންހެނުން ހައްޔަރުކޮށްގެން އުޅޭތާ ހަފްތާއެއް ފަހުންނެވެ.

މީގޭ ކުރިން ތަކުރާރުކޮށް މުގާބޭ ވިދާޅުވަމުން ދިޔައީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މީގެ ދެ ދުވަސް ކުރިންވެސް މުގާބޭ އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ ހިތާބެއްދިން ކަމުގައި ވިޔަސް، މުގާބޭ ވަނީ އިސްތިއުފާ ދިނުމަށް ދެކޮޅު ހައްދަވައިފަ އެވެ.

މުގާބޭއަށް ފަހު އެގައުމުގެ ވެރިކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކުރީގެ ނާއިބު ރައީސް އެމާސަން މުނަންގަގްވާ ވެސް މިއަދު ވަނީ ރައްޔިތުން އެދޭ ގޮތަށް މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވައިލައިފަ އެވެ.

ޒިމްބާބުވޭގައި ވެރިކަންކުރާ ޕާޓީ ޒަނޫ-ޕީއެފް އިން ވަނީ މުގާބޭ ޕާޓީގެ ލީޑަރުކަމުން ދުރުކޮށް އެމާސަން ޕާޓީގެ ރައީސްކަމަށް ވެސް އިންތިހާބުކޮށްފަ އެވެ.

ވެރިކަމުގައި 37 އަހަރު ހޭދަ ކުރެއްވުމަށް ފަހު، މުގާބޭ މިއަދު އިސްތުއުފާ ދެއްވުމުން އެ ގައުމުގެ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ އުފާފާޅު ކުރަމުންނެވެ.

އުމުރުފުޅުން 56 އަހަރުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިއަދު އިސްތިއުފާ ދެއްވި އިރު މުގާބޭގެ އުމުރުފުޅުން 93 އަހަރުވެއްޖެ އެވެ.