21 Nov 2017, 19:33
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާފަރު ބަލިކޮށް، ލަންދޫ އިން ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި މާފަރުގެ މައްޗަށް ލަންދޫ އިން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލަންދޫ މޮޅުވީ 1-0 ލަނޑުން ---
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް، ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ލަންދޫ އިން ވަނީ ލީޑު ނަގައިފަ އެވެ. ލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެ ޓީމުގެ ކެޕްޓަން ހުސައިން ޖަވާދެވެ. އޭނާ އަކީ ކެނދިކުޅުދޫ އަތުން 1-0 ލަނޑުގެ ނަތީޖާ އަކުން ލަންދޫ މޮޅުވި މެޗުގައި ވެސް އެ ޓީމުގެ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.
ގްރޫޕް އެކެއްގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ލަންދޫ އެވެ. ލަންދުއަށް ބާކީ އެއް މެޗު އޮތް އިރު، އެ ޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އެވެ. ދެ ވަނާގައި އޮތް މިލަދުއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ކެނދިކުޅުދު އާއި މާފަރަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އޭގެ ތެރެއިން ކެނދިކުޅުދޫ މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ. ކެނދިކުޅުދު އާއި މިލަދޫ ބައްދަލުކުރާ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުން މިލަދޫ މޮޅުވެއްޖެނަމަ އެ ޓީމަށް ވެސް ކުއާޓާގެ ޖާގައެއް ލިބޭނެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލަންދޫ މޮޅުވީ 1-0 ލަނޑުން ---
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.