21 Nov 2017, 19:36
އެފްއޭ ކަޕަށް ފަހު، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފެށުމަށް އެފްއޭއެމުން ނިންމައިފި އެވެ.
މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރީ ލީގުގެ ގަދަ ހަތަރު ޓީމާއި ޕްރެޒިޑެންޓްސް ކަޕް 2015ގެ ރަނަރަޕް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ސ. ފޭދޫ އެވެ.
މިހާތަނަށް ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފައި ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބޭނީ ގދ. ތިނަދޫ ނުވަތަ ކްލަބު ގްރީން ސްޓްރީޓްސްއަށެވެ. ލީގުގެ އެއް ވަނަ މަގާމު ފިޔަވާ، ދެން މަގާމުތައް ހޯދާ ޓީމުތައް ކަށަވަރުވާނީ ލީގުގެ ފަހު މެޗުތަކަށްފަހު އެވެ.
ޕްރެޒިޑެންޓްސް ކަޕް ފެށޭނީ ސެމީ ފައިނަލާ ހިސާބުންނެވެ. އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއް ވަނަ ނިއު އާއި ލީގުގެ ދެ ވަނަ ހޯދާ ޓީމު ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ ކުޅޭ ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ތިން ވަނަ ހޯދާ ޓީމާއި ލީގުގެ ހަތަރު ވަނަ ހޯދާ ޓީމެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅޭ ސެމީގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ސެމީގެ ދެ ވަނަ މެޗުން މޮޅުވާ ޓީމެވެ. ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ތިން ވަނަ މެޗުން މޮޅުވާ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އީގަލްސް މިއަހަރުގެ މުބާރާތަކުން ނުފެންނާނެ އެވެ. މިއަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް އީގަލްސްއަށް ހޯދިފައި ނުވާތީ އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް ލިބިފައެއް ނުވެ އެވެ.