21 Nov 2017, 18:19
ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ އަރަބި ބަހާއި އިސްލާމީ ސަގާފަތާ ބެހޭ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މީގެ ކުރިން ވެސް މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ވަނީ އަރަބި ބަހާއި އިސްލާމީ ސަގާފަތާއި ބެހޭ ތަމްރީން ޕްރޮގްރާމްތަކެއް ރާއްޖޭގައި ހިންގާފަ އެވެ. މިއަހަރުގެ ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގަ އެވެ.
އިސްލާމީ ޔުނިވާސިޓީން ބުނީ، އަންނަ ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތައް ހިންގާ އެ ތަމްރީން ޕްރޮގްރާމުގައި ހިލޭ ބައިވެރި ވެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމަށް އާންމުކޮށް އެންމެންނަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުންޏެވެ.
ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ދޫކުރާ ފޯމް މާދަމާ އިން ފެށިގެން އިސްލާމީ ޔުނިވާސިޓީ އިންނާއި އެ ޔުނިވާސިޓީގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.
އިސްލާމީ ޔުނިވާސިޓީން ބުނީ، މަދީނާ އިސްލާމިކް ޔުނިވާސިޓީން ހިންގާ އެ ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ އެ ޔުނިވާސިޓީގެ ޕްރޮފެސަރުން ކަމަށެވެ.
ތަމްރީން ޕްރޮގްރާމްގެ އިތުރުން އެ ޔުނިވާސިޓީގެ ސްކޮލަޝިޕް ތަކަށް އިންޓަވިއު ކުރުން ވެސް ކުރިއަށްދާނެ ކަމަށް އެ އައިޔޫއެމް އިން ބުނެއެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއަކީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީ ގާނޫނެއްގެ ދަށުން 1961 ވަނަ އަހަރު އުފެއްދި ޔުނިވާސިޓީ އެކެވެ.
އައިޔޫއެމް އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ސައުދީގެ ވަޒީރުންގެ މަޖިލީހުން ދީފައިވާ މަދީނާ އިސްލާމިކް ޔުނިވާސިޓީން ބެޗްލާސް އޮފް އާޓްސް ޑިގްރީ އާއި މާސްޓާސް އަދި ޑޮކްޓޮރޭޓް ޑިގްރީ ކިޔެވޭއިރު، އެތަނަކީ 22،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީ އެކެވެ.
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ތަމްރީން ޕްރޮގްރާމެއް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ހިންގަން ހަމަޖެހިފައިވާއިރު، އެ ޔުނިވާސިޓީގައި ސައުދީ އަރަބިއްޔާގެ ކިންގް ހާލިދު ޔުނިވާސިޓީގެ ފަރާތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ވޯކްޝޮޕެއް ހިންގާފަ އެވެ.
ޖުމްލަ 85 ފަރާތަކުން ބައިވެރިވި އެ ވޯކްޝޮޕްގައި ޓީޗަރުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ އަރަބި ބަހުން މާސްޓާސް އަދި ޕީއެޗްޑީ ހާސިލް ކުރަމުންދިޔަ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގިއެވެ.