ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްހާއްސަކޮށްގެން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ "އެސްއެމްއީ ފައިނޭސް ފޯރަމް"ގެ ތިންވަނަ ފޯރަމް އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމަކީ ހަމަ އެކަނި ހދ އަތޮޅުގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ފޯރަމެއްކަމަށެވެ. އެ ފޯރަމްގައި އެ އަތޮޅުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާމެދު ވާހަކަދައްކަވާނެކަމަށެވެ.

އެސްއެމްއީ ފޯރަމްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖޭގެ މާލީދާއިރާގެ ތަޖުރިބާކާރުންނާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ސެޝަން ތަކުގައި ވިޔަފާރީގެ ދާއިރާއާއި އާމްދަނީ އިތުރުކުރުމާއި އެ ދާއިރާގައި ކުރިއެރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަދައްކައި މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ބޭންކް، މަނިޓަރީ އޮތޯރިޓީ، ޕޯސްޓް ލިބިޓެޑް، އަދި އެލައިޑް އިންޝިއުރެންސްގެ ފަރާތުން އެ ފޯރަމްގައި ވާހަކަދައްކަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޑެޕިއުޓި އިކޮނޮމިން މިނިސްޓަރު އާދަމް ތައުފީގާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ސޯލިހު ހުސައިން އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑިރެކްޓަރު އަހުމަދު މުންތާޒުވެސް ބައިވެރިވެލައްވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެ ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނި އައްޑޫގައެވެ. ދެވަނަ ފޯރަމް ބާއްވާފައިވަނި މ. އަތޮޅު މުލަކުގައެވެ.