06 Aug 2011, 13:55
ޅ. ކުރެއްދޫ ރިސޯޓްގައި ހަނީމޫން ހަދަމުން ދިޔަ އިނގިރޭސި ވިލާތުގެ ޒުވާން ދެމަފިިރިއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކުރެއްދޫ ރިސޯޓްގައި ދެ ޓޫރިސްޓުން މަރުވީ އެރަށުގައި ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ކަމަށެވެ. ފުލުހުންގެ މިޑިއާ އޮފިޝަލި ވިދާޅުވީ އެ ހާދިސާގައި އިތުރު މީހަކަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެމީހާ ވެސް ވީލް ޗެއާގައި ދެ ފުލުހުންނާއެކު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެއީ އެކްސިޑެންޓެއް، އެ ހާދިސާގައި ދެމީހުން މަރުވެ އިތުރު މީހަކަށް އަނިޔާވީ. އެމީހާވެސް މިހާރު ވަނީ މާލެ ގެނެސް ފަރުވާ ދޭން ފަށާފައި،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ސަންގެ ނޫސްވެރިން މިއަދު އޭޑިކޭއަށް ދިޔައިރު މަރުވި ދެ މީހުންގެ ހަށިގަނޑު އޭޑިކޭއަށް ގެންގޮސްފައި އޮތެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި ޓޫރިސްޓު ފިރިހެން މީހާވެސް ދެ ފުލުހުންނާއެކުގައި އޭޑީކޭއަށް ގެންގޮސް ފައިގެ އެކްސްރޭއެއް ނެގުމުގެ މަސައްކަތް ކުރަމުންދިޔަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މަރުވެފައި ދެމަފިރިންނާ ބެހޭ ތަފުސީލު އަދި ނުލިބޭ ކަމަށާއި ދެމަފިރިންގެ ހަށިގަނޑު ޑޮކްޓަރުން ބައްލަވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ކުރެއްދޫ އެކްސިޑެންޓަށް ފަހު ނައިފަރުން ފުލުހުން ގޮސް ތަހުގީގު ފަށާފައިވާ ކަމަށާއި މަރުވީ އިނގިރޭސި ދެމަފަރިންގެ އައިޑެންޓިޓީ ފަހުން އާންމު ކުރާނެ ކަމަށެވެ. މަރުގެ މިހާދިސާ ހިނގީ ރޭ ފަތި 4:15 ގައި ކަމަށް ވެސް ފުލުހުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
މަރުގެ މި ހާދިސާއާ ގުޅިގެން މިއަދު ވަނީ ތަފާތު ގޮތްގޮތަށް އަޑު ފެތުރިފައެވެ. އެގޮތުން ކުރެއްދޫ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނީ އިނގިރޭސި، ޒުވާން ދެމަފިރިންގެ މަރުގެ ހާދިސާއާބެހޭ ގޮތުން މެނޭޖްމެންޓުން މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށާއި އެ ދެމެފަރިން މަރުވި ކަމަށް އެކި މީހުން ބުނަނީ ވެސް އެކި ގަޑިތައް ކަމަށެވެ.
އެ ގޮތުން މަރުވީ ރޭ ދަންވަރު 12:00 އިރު ކަމަށާއި މެންދަމު 3:00 ޖެހި އިރާއި 3:30 ކިޔާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އިނގިރޭސި ދެމަފަރިންގެ މަރާ ބެހޭ ގޮތުން އެރަށުން ވާހަކަ އެހެން މީހަކު ބުނީ އެމީހުން ވެއްޓިފައި ތިއްބާ ފެނުނީ އެ ދެމަފަރިން ދުއްވަން އުޅުނު ގޮލްފް ކާޓް ކައިރީގައި ކަމަށެވެ.
"ބައެއް މީހުން ބުނޭ ކާޓް ގޮސް ގަހެއްގައި ޖެހިގެން އެމީހުންނަށް ލިބުނު އަނިޔާގައި މަރުވީ ކަމަށް، އަނެއް ބަޔަކު ބުނޭ އެހެން ކަންތައް ގަނޑެއް އުޅޭ ކަމަށްވެސް، މިކަމުގެ މައުލޫމާތު ފުރިހަމައަށް ލިބޭ ގޮތެއް ނުވޭ. އެސަރަހައްދަށް ދިޔަވެސް ނުދޭ،"
ރިސޯޓުގެ އެހެން މުވައްޒަފަކު ބުނީ ކުރެއްދޫގެ ވޯޓާ ވިލާއެއްގައި ހަނީމޫން ހަދަމުން ދިޔަ ޒުވާން ދެމެފަރިން ރޭ ރިސޯޓްގެ ބާއިން ނުކުތުމަށް ފަހު ގޯލް ކާޓަށް އެރީ އޭގައި ތަޅު ދަނޑިޖަހާފައި ހުރުމުން ކަމަށާއި އެމީހުން އޭތި ދުއްވާފައި ވަނީ ވެސް ވޯޓާ ވިލާއާ ދިމާއަށް ކަމަށާއި އެމީހުން ވެއްޓިފައި ތިއްބާ ފެނުނީ ބޮޑު ގަލެއްގެ ކައިރީގައި ކަމަށާއި އެ ގަލުގައި ލޭވެސް ހުރި ކަމަށެވެ.