21 Nov 2017, 16:14
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އިން ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމެވެ. އެއަށް ފަހު ކޮންމެ މެންބަރަކަށް ވެސް އެ ރިޕޯޓާ މެދު ވާހަކަ ދެއްކުމަށް ހަތް މިނެޓްގެ ވަގުތެއް ލިބޭނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ކ. ކާށީދޫގައި ޖަލެއް އެޅުމަށް ހިމަނާފައިވާ ފައިސާ، ކ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއަށް ހޭދަކުރުމަށް އިއްޔެ ކޮމެޓީ އިން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓްގެ އަދަދަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމެޓީ އިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓްގެ 43 ޕަސެންޓް ހަރަދު ކުރުމަށް ނިންމާފައި ވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް ބަޖެޓްގެ 57 ޕަސެންޓް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ ޕެންޝަނަށާއި މުސާރަ އަށެވެ. ރިކަރެންޓް ހަރަދަކީ ޖުމްލަ 16.1 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 24.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާ އެވެ.