ބެންގްކޮކް (ނޮވެމްބަރު 21) :ޗައިނާގެ މުސްލިމުންތަކެއް ބެޑްޝީޓްތަކެއް ބޭނުންކޮށްގެން ތައިލެންޑުގެ ޖަލަކުން ފިލައިފި އެވެ.

ތައިލެންޑާ މެލޭޝިއާ ބޯޑަރު ކައިރީގައި ހުރި ޖަލަކުން ފިލި ޗައިނާގެ އުއިގާ ދަރިކޮޅުގެ މުސްލިމުންނަކީ ތައިލެންޑްގައި 2014 ވަނަ އަހަރު ހައްޔަރުކުރި 200 މީހުންގެ ތެރެއިން ބައެކެވެ.

ތައިލެންޑުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެމީހުން ޖަލުން ފިލީ ޖަލުގެ ފާރުތައް ކޮނެހެދުމަށް ފަހު ބެޑްޝީޓުތައް ބޭނުންކޮށްގެން ޖަލުގެ ވަށައިގެން ހުރި ކަށިނަރުތަކުގެ މަތިން އަރައިގެންނެވެ. ފާރުތައް ކޮނެ ހެދުމަށް ބޭނުންކޮށްފައި ވަނީ ހަލާކުވެފައިވާ ޓައިލްސްތައް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.،

ޗައިނާގެ ޒިންޖިއާންގްގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ޗައިނާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން ކަމަށް ބުނެ އެގައުމުން ފިލައިގެން ތުރުކީއަށް އެތެރެވުމަށް އިރުމަތީ އޭޝިއާއަށް ދަތުރުކުރެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ތައިލެންޑުން އެގައުމުގައި އުޅުނު ޗައިނާގެ މުސްލިމުންތަކެއް ޗައިނާއާ ހަވާލުކުރުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ.

އުއިގާ ދަރިކޮޅުގެ ގިނަ މުސްލިމުން ވަނީ ތުރުކީ މަގުން ސީރިއާއަށް ވަދެ އައިއެސް ފަދަ ހައްދަފަހަނަ އަޅައިފައިވާ ގްރޫޕްތަކާ ގުޅިފަ އެވެ. ޗައިނާ އިން ތުހުމަތު ކުރާގޮތުގައި އުއުގާ މުސްލިމުން ދަނީ ޗައިނާ އިން ވަކިވެގަތުމަށް ޓަކައި އެގައުމުގައި ހަމަލާތައް ދީ ހަަމަނުޖެހުންތައް އުފައްދަމުންނެވެ.

ރޮއިޓާސް