ރާއްޖޭގެ ރީތިކަން ޓުއަރިސްޓުންނަށް ޕްރޮމޯޓްކުރުމުގައި ބޭނުންކުރާނެ ފޮޓޯތައް ނެގުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހޮވާލާފައިވާ ފަސް ފޮޓޯގްރާފަރުންގެ ފޮޓޯތައް ދައްކައިލުމަށް ހާއްސަ އެގްޒިބިޝަނެއް ފަށައިފި އެވެ.

މި އެގްޒިބިޝަން ހުޅުއްވައިދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރެވެ.

ވިޒިޓް މޯލްޑިވްސްގެ ފޮޓޯގްރަފީ އެމްބެސެޑަރުންގެ ގޮތުގައި ދިވެހި ފަސް ޒުވާނަކު ކަނޑައަޅާފައިވާ އިރު ކޮންމެ ފޮޓޯ ގްރާފަރަކު ވެސް ފޮޓޯނަގާނީ ވަކި ހާއްސަ ތީމަކަށެވެ.

ވިޒިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރުންގެ ފޮޓޯ އެގްޒިބިޝަން ފެށުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރުންނާ އެ ފޮޓޯގްރާފަރުން ފޮޓޯ ނަގާނެ ދާއިރާތައް:

  • ޝިފާޒް ޝައްމޫން (ސޮއްޓި):ސްޕްރިޗުއަލް ސައިޑް އޮފް ލައިފް

  • އަލީ މަސްރަހް (މަސްރަހް):މޯލްޑިވިއަން ސައިޑް އޮފް ލައިފް
  • އަހުމަދު ޝުއާއު (އޮބޮފިލ)ި:އޭރިއަލް ފޮޓޯގްރަފީ
  • ރަމޯން ނަސްރުﷲ ކަމާލުއްދީން (ރަމޯން):ތްރިލިން، ފަން، ކަލަފުލް ސައިޑް އޮފް ލައިފް
  • މުހައްމަދު އަޒްމީލް (ޑަބަލް ޑޮޓް):ރޮމޭންޓިކް ސައިޑް އޮފް ލައިފް
އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގްޒިބިޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމަށް ފަސް ސްލޯގަންއެއް ބޭނުންކޮށްގެން ފޮޓޯ ނަގާދޭ އެމްބެސެޑަރުންގެ ފޮޓޯތައް އެގްޒިބިޓްކޮށް އަހަރަކު ދެ އެގްޒިބިޝަން ބާއްވާނެ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލިރާރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލިރާރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު މި ހުރިހާކަމެއް ވެސް ގުޅިފައި ވަނީ ޓުއަރިޒަމް އަށް ކަމަށާއި ޓުއަރިޒަމްގެ ސަޕްލައި އާއެއްވަރަށް މި ދާއިރާ ޕްރޮމޯޓްކޮށް މާކެޓް ކުރަން ޖެހޭ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރުންގެ ފޮޓޯ އެގްޒިބިޝަން ފެށުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފޮޓޯގްރަފީ އެމްބެސެޑަރުންގެ ފޮޓޯތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމަށް ވަރުގަދަ މާކެޓިން ކެމްޕެއިންތައް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރުންގެ ފުރަތަމަ އެގްޒިބިޝަން ކުރިއަށް ގެންދަނީ ކިހާ މޯލްޑިވްސް އާ ގުޅިގެންނެވެ. މި އިވެންޓްގެ ކޯ ސްޕޮންސާ އަކީ އެމްއައިޓީޑީސީ އެވެ.