ދެކުނު އެޓްލާންޓިކް ކަނޑުން އިވުނީ ގެއްލުނު ސަބްމެރިންގެ އަޑެއް ނޫން ކަމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ޕްރޯބްތަކެއް ބޭނުންކޮށްގެން ދެކުނު އެޓްލާންޓިކް ކަނޑުން އިވުނު އަޑުތަކުގެ ސަބަބުން ސަބްމެރިން ފެނިދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ދިޔައީ އުއްމީދުކުރަމުންނެވެ. ނަމަވެސް ފަހުން އަޑުތައް ތަހުލީލު ކުރުމަށް ފަހު އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނީ އެ އަޑުތަކަކީ އެ ސަބްމެރިންއިން އިވޭނެ ކަހަލަ އަޑުތަކެއް ނޫން ކަމަށެވެ.

މީގޭ ފަސް ދުވަސް ކުރިން ވީ ނުވީއެއްނޭހި ގެއްލުނު އާޖެންޓީނާ އަރާ ސަންޖުއާން ސަބްމެރިންގައި 44 ފަޅުވެރިން ވެސް ތިއްބެވެ. ސަބްމެރިން ގެއްލުނީ އޭގައި ކަރަންޓުގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ރިޕޯޓް ކުރި ފަހުންނެވެ.

ގެއްލުނު އިރު އެ ސަބްމެރިން ދަތުރުކުރަމުންދިޔައީ އެ ގައުމުގެ ކަނޑުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ މާރް ދެލް ޕަލާތާ އަށް ދިޔުމަށެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތަށް މޫސުން ގޯސްވުމުގެ ސަބަބުން ދަނީ ވަރަށް ބޮޑަށް ހުރަސް އެޅެމުންނެވެ. މިހާރު ވެސް އެމެރިކާ، ޗައިނާ، ބްރެޒިލް އަދި އިނގިރޭސިވިލާތުން ދަނީ ސަބްމެރިން ހޯދުމަށް އާޖެންޓީނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.