21 Nov 2017, 14:57
އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ މިނިސްޓަރަކު އާންމު ތަނަކަށް ކުޑަކަމުދިއުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އޭނާގެ ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ވާން ފަށައިފި އެވެ.
އާންމު ރައްޔިތުން ފާހާނަ ބޭނުން ކުރުމަށް ބާރު އަޅަމުންދާ މޯދީ ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ވެފައި މިވަނީ، އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ އާންމު ތަނަކަށް އެގައުމުގެ ވޯޓާ ކޮންސަވޭޝަންގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ރާމް ޝިންޑެ ކުޑަކަމުދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން ނެވެ.
ޝިންޑެ އަކީ މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސްލޮޓެއްގައި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސާފައިވާ މީހެކެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ އާންމު ތަނަކަށް ކުޑަކަމުދިޔަ ސްޓޭޓް މިނިސްޓަރު ޝިންޑެ ---
މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފާހާނާތަކުގެ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެ ވީޑިއޯއަށް ރައްދު ދެއްވައި ޝިންޑެ ވިދާޅުވީ، އޭނާ އާންމު ތަނަކަށް ކުޑަކަމުދިޔައީ ގަދަ ހޫނު ގަޔާއި ހިރަފުހުގައި ގިނަ ވަގުތު ދަތުރު ކުރަން ޖެހުމާ ގުޅިގެން ސިއްހަތު ގޯސްވެ، ކުޑަކަމުދާން ބޭނުންވި އިރު ފާހާނާއެއް ފެންނަން ނެތުމުން ކަމަށެވެ.
ނަމަވެސް މަހާރަޝްތުރާ ސްޓޭޓްގެ މައި އިދިކޮޅު ޕާޓީ، ނޭޝަނަލިސްޓް ކޮންގުރެސް ޕާޓީ (އެންސީޕީ) އިން ބުނީ، މިނިސްޓަރަކަށް މައި މަގެއްގައި ފާހާނާއެއް ނުފެނުމަކީ އާންމު ތަންތަނުގައި ފާހާނާ ގާއިމް ކުރުމަށް މޯދީ ސަރުކާރުން ފަށާފައިވާ މިޝަން ފެއިލް ވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
މުޅި ގައުމުގައި ހިންގުމަށް "ކްލީން އިންޑިއާ"ގެ ނަމުގައި ސާފުތާހިރުކަން ޕްރޮމޯޓް ކުރުމަށް މޯދީ ސަރުކާރުން ކެމްޕެއިނެއް ފެށީ 2014 ވަނަ އަހަރު އެވެ. އަދި އެ ކެމްޕެއިންގެ ދަށުން އިންޑިއާގެ އެކި ހިސާބުތަކުގައި މިލިއަނެއްހާ ފާހާނަ ހަދާނެ ކަމަށް މޯދީ ވައުދު ވެވަޑައިގަތެވެ.
ބީބީސީ