21 Nov 2017, 14:34
ފެނަކައާއި ސްޓެލްކޯއަށް ޑޮލަރު ގަނެދޭނެ ކަމަށްބުނެ ފައިސާ ތަކެއް ނެގުމަށްފަހު އޮޅުވާލިކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ "ޝަރޫ ލޯންޗް ސާވިސް" އިން މީހަކަށް ދޮޅު ލައްކަ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޝަރޫގެ މައްޗަށް ދައުވާކޮށްފައިވަނީ، ހ. އޮކްސްފޯޑް އިބްރާހީމް މުހައްމަދުގެ އަތުން ނަގާފައިވާ 2،313،000 ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން ޝަރޫލޯންޗް ސާވިސްގެ ނަމުގައި ދަ މޮރީޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވަފައިވާ އެކައުންޓަކުން އެ ބޭންކްގެ ބޭންކް ގެރެންޓީއާ އެކު އިބްރާހީމް މުހައްމަދަށް 150،000 ޑޮލަރުގެ ޗެކެއް ދޫކޮށްފައިވީ ނަމަވެސް އެ ޗެކަށް ފައިސާ ލިބިފައި ނުވާތީ އެ ފައިސާ އާއި، ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގައި އެ ޗެކު އިބްރާހީމް މުހައްމަދަށް ދޫކުރިކަމާ މެދު ޝަރޫއިން އިންކާރުކޮށްފައި ނުވާ ކަމަށް ބުފައިވެ އެވެ. އަދި އެ ޗެކްގައި ބަޔާންކޮށްފައިވާ ތާރީހަށް ޗެކުން ފައިސާ ލިބެންވާ ފަރާތަކަށް ޗެކްގައިވާ އަދަދަށް ފައިސާ ލިބުން ހައްގުވާނެ ކަމަށާއި، އެ ޗެކުގައިވާ އަދަދަށް ފައިސާ އެކައުންޓުގައި ހުރިކަން ކަށަވަރުކުރުމަކީ ޗެކު ދޫކުރާ ފަރާތުގެ މަސްއޫލިއޫއްޔަތެއް ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން އެ ޗެކަށް އިބްރާހީމް މުހައްމަދަށް ފައިސާ ލިބިފައިނުވާކަން އޭނާގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެން އޮންނަ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ރިޕޯޓުގައި ވަނީ، ދައުވާ ކުރާ ފަރާތަށް ދޫކޮށްފައިވާ ޗެކުގައި އެމްސީބީގެ ނަމުގައި ބޭންކް ގެރެންޓީ ސްޓޭމްޕެއް ޖަހާފައިވާކަން އެނގެން އޮންނަ ކަމަށާއި، އެ ސްޓޭމްޕްގެ ސައްހަކަމުގެ މައްޗަށް އެމްސީބީން ސުވާލު އުފައްދާފައިވާ ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް ފުލުހުންގެ ފިޒިކަލް އެވިޑެންސް ލެބޯޓްރީގަައި އެ ނިޝާން ތަހުލީލު ކުރުމުން ނަމޫނާ ނިޝާނާއި އެ ޗެކުގައި ޖަހާފައިވާ ނިޝާނަކީ އެއްތައްގަނޑެއްގެ ނިޝާންތަކެއްކަން ތަހުލީލަށް ފެންނަ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެހެން ކަމުން ބޭންކް ގެރެންޓީ ސްޓޭމްޕަކީ ސައްހަ ސްޓޭމްޕެއްކަން މަދަނީ މިންގަނޑުން އެނގެން އޮންނަ ކަމަށްވެސް ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ސްޓޭމްޕަކީ ސައްހަ ސްޓޭމްޕަކަށް ވުމުން، ޝަރޫއާއި އެކު އެ ފައިސާ އިބްރާހީމް މުހައްމަދަށް ލިބިދިނުމުގެ ޒިންމާ އެމްސީބީންވެސް ނަގަންޖެހޭނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ދޮޅުލައްކަ ޑޮލަރަކީ އިބްރާޙިމް މުހައްމަދަށް ޝަރޫއާއި އެމްސީބީން އަދާ ކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އެ ދޮޅުލައްކަ ޑޮލަރު ނުވަތަ އެއާ އެއް މިންވަރަށް ރުފިޔާއިން ޖެހޭ ފައިސާގެ އަދަދު އިއްޔެއިން ފެށިގެން 20 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެ ދެ ކުންފުނީގެ މައްޗަށް އަންގާފައެވެ.
އެ ދައުވާގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ކަމަށް ބަޔާން ކުރި ނަމަވެސް ދައުވާގެ ތަފްސީލުގައި އިބްރާހީމް މުހައްމަދަށް ލިބިފައިވާ ގެއްލުމާ މެދު ވަކި އެއްޗެއް ބަޔާންކޮށްފައެއް ނުވެއެވެ. އެހެން ކަމުން އެ ބަދަލު ނަގައިދިނުމަށް ކޯޓުން ހުކުމް ކޮށްފައި ނުވެ އެވެ.