06 Aug 2011, 13:49
ތަކެތީގެ އަގުތައް އުފުލެމުންދާތީ، ޒުވާނުން އިސް ނަގައިގެން އަނެއްކާވެސް ސިލްސިލާ މުޒާހަރާއަކަށް ނުކުމެ މިރޭ ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި މުޒާހަރާ ކުރަން ދާން ނިންމައިފި އެވެ.
ދިވެހި ޒުވާނުންގެ ނަމުގައި ސިލްސިލާ މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ޒެޑްފެކްޝަންގެ އިބްރާހިމް ނާޒިމް ބުނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗަށް ޒުވާނުން އެއްވެ އަލުން މުޒާހަރާ ފަށަން ނިންމީ ތިން މަސް ދުވަސް ކުރިން ޒުވާނުންގެ މުޒާހަރާތަކެއް ނިންމައިލި އިރު ތަކެތީ އަގުތައް ހުރި ވަރަށް ވުރެ އެތައް ތަނަކުން މިހާރު އަގުތައް ބޮޑުވެ ރައްޔިތުން ހަނާވަމުން އަންނާތީ ކަމަށެވެ.
"ރޯދަ މަސް ނިމުނީމާ ކުރަން އޮތް މުޒާހަރާއެއް މިއީ. އެކަމަކު އަވަސް ކުރަން ޖެހުނީ، ތަކެތީގެ އަގުތައް ކުރިޔަށްވުރެ ވެސް ބޮޑުވެ، މީހުންނަށް ކެތް ނުކުރެވޭވަރުވުމުން. ސަރުކާރު ހިތަށް އެރި ގޮތެއް ހަދަމުންދާތީ މިރެއިން ފެށިގެން ނުކުންނަން ޖެހުނީ،" ނާޒިމް ބުންޏެވެ. އޭނާ ބުނީ މިރޭ ޒުވާނުންގެ މުޒާހަރާތައް ފަށާއިރު ޕާޓީތަކަށާއި ޑީއާރްޕީގެ ޒެޑްފެކްޝަނަށް ވެސް ދައުވަތު ދީފައިވާނެ ކަމަށާއި އަދި އެއްވެސް ޕާޓީއަކުން ބައިވެރިވާނެކަން އަންގާފައި ނުވާ ކަމަށެވެ.
"އަޅުގނޑުމެން ދައުވަތު އަރުވާފައި ވާނީ. އެކަމަކު އަޅުގަނޑުމެން އެ ފަރާތްތަކަށް އިންތިޒާރެއް ނުކުރާނެ. އަޅުގަނޑުމެން ގަޑިއަށް ނުކުމެ މުޒާހާރާ ކުރާނެ މިރެއިން ފެށިގެން ސިލްސިލާކޮށް،" ނާޒިމް ބުންޏެވެ.
މިރޭ ޒުވާނުން މުޒާހަރާ ކުރަން ނުކުންނަނީ "ތަކެތީގެ އަގުތަށް ބޮޑުވަނީ، ރައްޔިތުން ހަނާވަނީ" މިނަމުގަ އެވެ. މި މުޒާހަރާއަށް ޒުވާނުން ނުކުންނަ ކަމަށް އަންގައިދޭ ލިޔުމެއް ވެސް ޒުވާނުންގެ ފަރާތުން މިއަދު ވަނީ ބަހާފަ އެވެ. އޭގައި ބުނަނީ ޒުވާނުން މިރޭ ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރާނެ ކަމަށާއި ޣައިރު ގާނޫނީ އެއްވެސް އަމަލެއް މި މުޒާހަރާގައި ނުހިންގާނެ ކަމަށެވެ.
ޒުވާނުން އެހެން ބުނި ނަމަވެސް ކުރިން ޒުވާނުން އިސް ނަގައިގެން ބޭއްވި ސިލްސިލާ އެ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ދެ ފަރާތަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ. މުޒާހަރާތައް ހުއްޓާލީ ސަރުކާރާ އެކު އެ މުޒާހަރާތަކުގެ އިސް ބައިވެރިން ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އެވެ.
ނާޒިމް ބުނީ މިރޭ ޗާންދަނީ މަގާ މަޖީދީ މަގު ގުޅުނު ކަންމައްޗަށް ދާން ނައްޓާލާނީ މާލޭގެ މިސްކިތްތަކުގައި ތަރާވީސް ކޮށް ނިމުމުން ސުލްހަވެރިކަމާއެކު ކަމަށާއި މުޒާހަރާ ރޭގަނޑު 2:30 އަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
"އަދި ހަމަ މިރޭގެ މުޒާހަރާ އެހެން ގޮތަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެއީ ކުރިން ރައީސް ވިދާޅުވެފައި އޮތީ ބަޔަކު މުޒާހަރާ ކުރި އަޑެއް ނާހަމޭ. އެހެންވީމާ އަޑުއިއްވަން މިރޭ އެހެން ގޮތަކަށް އެހެން ދިމާއަކަށް ދާން ޖެހިދާނެ،" ނާޒިމް ބުންޏެވެ.