ރޭ ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެެވެ.

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އަނިޔާވި ޒުވާނުން ރޭ މެންދަމު 2:30 ގައި ޗާޓަރު ފްލައިޓެއްގައި މާލެ ފޮނުވައިފައިވާ ކަމަށެވެ.

އަނިޔާވި ދެ ޒުވާނުން މާލެ ގެންދިޔައިރުވެސް ހޭނާރާ ކަމަށް ވެސް ފަރުޒާދު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އަނިޔާވި އެއްކުއްޖަކަށް ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ސީޓީ ސްކޭނެއް ހެދުމަށް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލެ ގެނައި އަނެއް ޒުވާނާގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ރޭ ހިނގި އެކްސިޑެންޓުގައި ފުވައްމުލައް ސިޓީގެ މާލެގަން، ފެންފިނޮޅު ގޭ، އުމުރުން 17 އަހަރުގެ މުހައްމަދު މުތީއު ވަނީ ނިޔާވެފައެވެ. ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މާލެ ގެނެސްފައިވަނީ ފުވައްމުލައް ސިޓީގެ ދިގުވާޑު، އަންބަރީ، ޖިނާހު އަލީ އާއި އެ ރަށު ފުނާޑު، ރަކްޝާ، މިގުދާދު ހުސައިންއެވެ.