21 Nov 2017, 14:25
ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދޭ މިންވަރު ދަށްވެ، ބޭރުން ފައިސާ ހޯދަން ބަރޯސާވެފައިވާ މިންވަރު އިތުރުވަމުންދާތީ ރާއްޖޭގެ ރަސްމީ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން އިއްޔެ ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ހުށަހެޅުއްވި ލަފާގައި ބުނެފައި ވަނީ، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ލޯނުތައް ނަގާއިރު އެ ލޯނުތަކާ އެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، 2016 ވަނަ އަހަރު ނިމުނު އިރު ބޭރުގެ ދަރަނި 11.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ނިމޭއިރު އެ އަދަދު 17.4 ބިލިއަން ރުފިޔާ އަށް އަރައިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމޭއިރު އެ އަދަދު 21.7 ބިލިއަން ރުފިޔާ އަރައިގެންދާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިގޮތަށް ދަރަނި އިތުރުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ގަވަރުނަރު ވިދާޅުވީ، ދައުލަތުގެ ރަސްމީ ރިޒާވުން ބޮޑު އަދަދެއް މަދުވެގެންދާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ދަށް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ނަސީރު ވަނީ ބަޖެޓް ޑެފިސިޓް ބޮޑުވަމުންދާތީ އެކަމާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، "2016 ވަނަ އަހަރު ޑެފިސިޓް އަންދާޒާ ކުރެވިފައި އޮތީ 3.4 ބިލިއަން ރުފިޔާ އަށް ނަމަވެސް ބަޖެޓްގެ ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ޑެފިސިޓަކީ 6.7 ބިލިއަން ރުފިޔާ" ކަމަށެވެ. އަދި މި އަހަރު ވެސް ބަޖެޓް ފުރަތަމަ ހުށަހެޅި އިރުގެ ބަޖެޓް ޑެފިސިޓާއި މިއަހަރު ރިވައިސްކޮށްފައިވާ ޑެފިސިޓްގެ އަދަދު ބޮޑު ކަމަށެވެ.
އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ބަޖެޓާ ބެހޭ ގާނޫނެއް އެކުލަވާލައި ވީހާ ވެސް އަވަހަކަށް އެއަށް އަމަލު ކުރަން ފެށުމަކީ މުހިއްމު ކަމެއް ކަމަށް ގަވަރުނަރު ނަސީރުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ގަވަރުނަރު ނަސީރު ވިދާޅުވެފައި ވަނީ ބަޖެޓްގައި ހިމަނާފައި ހުރި ކަންކަން ދަނީ ރަނގަޅަށްތޯ، ބެލުމަށް މަޖިލީހުގެ ތެރެއިން ބަޖެޓް ރިވިއު ކުރުމުގެ މަސައްކަތް ކުމަށް ވެސް ލަފާދެއްވައިފަ އެވެ. އަދި ހުރިހާ ރައްޔިތުންނަށް ވެސް ޓެކްސް ނިޒާމަކީ ހަމަހަމަ ނިޒާމަކަށް ހެދުމަށް އިންކަމް ޓެކްސް ނެގުމަށް ވެސް ވަނީ ލަފާދެއްވައިފަ އެވެ.