މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓަށް އިތުރުވެފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 127986 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ސެޕްޓެމްބަރުގައި ރާއްޖެ އައި 105984 ޓޫރިސްޓުންނަށްވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއައިސްފައިވާ 117489 ފަތުރުވެރިންނަށްވުރެ ނުވަ ޕަސެންޓް އިތުރު އަދަދެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުުމު ކަމުގައިވާ ޗައިނާއިން މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 28689 ފަތުރުވެރިންނެވެ. ތަފާސް ހިސާބުތަކުން ދަށްކާގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.6 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 15007 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ މިދިޔައަހަރާ އަޅާބަލާއިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިންގެ އެކޮމޮޑޭޝަން މިދިޔައަހަރާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފައި ވީނަމަވެސް އޮކިއުޕެންސީ ރޭޓްވަނީ ދެ ޕަސެންޓް ދަށްވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭން ރާއްޖޭގައި 126 ރިސޯޓާއި 459 ގެސްޓް ހައުސް އާއި 11 ހޮޓެލް އަދި 150 ސަފާރީ ހިންގަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.