21 Nov 2017, 13:10
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ކޮންޓްރެކްޓް ހަމަވުމާ ގާތްވެފައި ވަނިކޮށް، އާއިލީ ސަބަބަކާ ގުޅިގެން އެނބުރި ގައުމަށް ދާން ޖެހޭތީ ކޮންޓްރެކްޓް އާނުކުރުމަށް އޭނާ ނިންމައިފިއެވެ.
ނިއުގެ އޮފިޝަލަކު "ސަން ސްޕޯޓްސް" އަށް މައުލޫމާތު ދެމުން ބުނީ ގަލާޑޯއާ އެކު ނިއުއިން ހަދާފައިވާ އެއްބަސްވުން އަންނަ މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ ކަމަށާއި އަދި އޭނާގެ އަންހެނުން ބަލިވެ އިނީތީ އާއިލާއަށް އިސްކަން ދިނުމަށް ކޮންޓްރެކްޓް އާ ނުކުރަން ނިންމައި އޭނާ އެނބުރި ގައުމަށް ދާން ނިންމީ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ޓީސީ ބަލިކޮށް ނިއު ލީގު ކަށަވަރުކުރި މެޗުގައި ގަލާޑޯ ލަނޑު ޖެހުމަށް ފަހު "އާއިލާ ދެކެ ވަރަށް ލޯބިވޭ" ސްޕެނިޝް ބަހުން ޖަހާފައިވާ މެސެޖެއް އޭނާގެ ޖާޒީގެ އަޑިން ލާފައިވާ ޓީޝާޓުގައި ޖަހައިގެން ވަނީ ދައްކާލާފައެވެ.
ގަލާޑޯ ނިއު އާ ގުޅުނީ މި ސީޒަނުގައެވެ. އޭގެ ފަހުން އޭނާ ވަނީ ނިއު އަށް 19 ގޯލް ޖަހައިދީފައެވެ. ނިއު އާ ގުޅުމުގެ ކުރިން އޭނާ ވަނީ މިދިޔަ ދެ ސީޒަނުގައި ފިލިޕީންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގު ނިއު އިން ކާމިޔާބު ކުރުމުގައި ގަލާޑޯ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ސީޒަނުގެ ވަކި ހިސާބުން އަލީ އަޝްފާގް (ދަގަނޑޭ) އެޓީމާ ގުޅުމާ އެކު ނިއުގައި ގަލާޑޯގެ ދައުރު ކުރިއަށް ވުރެ ވަނީ ކުޑަވެފައެވެ.