ލ. ގަން ތުނޑި، ވުޑްލޭންޑު އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެއްގެ ވަކީލު ސަސްޕެންޝަނުގައި ހުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ.

އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ލ. ގަން، މުކުރިމަގު، ދުނިފަރު، އަހްމަދު ޝުޖާއު، އާއި އެރަށު މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސޮބާހު، ގެ އިތުރުން މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރުގެ މައްޗަށެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސޮބާހްގެ ގާނޫނީ ވަކީލެއް ނެތުމުން އެކަމާ މެދު ވާހަކަ ދެއްކުމަށް އޭނާގެ ބައި އެކަންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ، ސޮބާހުގެ ވަކީލު ސަސްޕެންޝަނުގައި ހުރި ކަމަށް ކޯޓަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސޮބާހް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. ނަމަވެސް ފޯނު ކޯލްގެ ފުރުސަތާއި، އާއިލީ ބައްދަލުވުން ނުދޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ސޮބާހް ބުންޏެވެ. އަދި އިތުރު ވަކީލަކު ހަމަޖެއްސޭނީވެސް އާއިލާއަށް ގުޅާނެ ފުރުސަތު ލިބުމުން ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސޮބާހު އަށް ވަކީލަކު އައްޔަން ކުރުމުގެ ކަންތައްތައް ފަހިކޮށްދިނުމަށް ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ. އަދި އޭނާ އަށް ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް ދައުލަތުން މިއަދު އެދުނެވެ.

ގާޒީ ވިދާޅުވީ، ވަކީލަކު އައްޔަން ކުރުމުގެ ކަންތައްތައް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަންސް އަށް ސިޓީއަކުން އަންގާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ސޮބާހް ބުނީ އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓާފައިވަނީ ހެކިބަހަށް ނުފޫޒު ފޯރުވާނެ ކަމަށް ބުނެ ކަމަށާއި، މިހާރު ހެކިބަސް ނަގައި ނިމިފައިވާތީ ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، ސޮބާހު ބަންދުގައި ބަހައްޓާފައިވަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލުގެ ސަބަބުން ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިބަސް ނަގައި ނިމިފައިވާތީ ފުރަތަމަ ހާލަތަށް ބަދަލު އައިސްފައިވީނަމަވެސް ދެވަނަ ހާލަތަށް ބަދަލު ނާންނަ ކަމަށެވެ. ވަކީލު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ހުރުމުން ދައުލަތުން ދެކެނީ ޝަރީއަތް ނިމެންދެން ސޮބާހް ބަންދުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 ހާއިރު ގަމު ސިނާއީމަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލްގައި ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަ ސަރަހައްދު ކައިރިން، އިތުރު ބަޔަކާ އެކު އެ ތިން އެމީހުން އެތަނަށް ގޮސް ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ނިޒާރު މަރުވެފައިވާކަމަށެވެ.

އެ މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކުރި އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ.