21 Nov 2017, 11:49
ދަ ހޭގް(ނޮވެމްބަރ 21): އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބެލޭނެގޮތެއްވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް އެކޯޓުގެ ޕަބްލިކް ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ވިދާޅުވެއްޖެއެވެ.
ބެންސޫދާ ސޮއިކުރައްވައި އެކަމަނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ސިފައިންނާއި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ކަމަށްވާ (ސީއައިއޭ) އިން އަފްޣާން އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމުގެ މައުލޫމާތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ލިބިފައިވާ ކަމަށާ އެކަންބަލައި ތަހުގީގްކޮށް އެމައްސަލައިގެ ދައުވާ އެމެރިކާގެ ކަމާބެހޭ މަސްއޫލުވެރިންގެ މައްޗަށް އުފުލޭނެ ގޮތެއް އޮތްތޯ ބަލަމުން ގެންދާކަމުގައެވެ.
އެމެރިކާ ސިފައިންނާއި ސީއައިއޭގެ އެޖެންޓުން އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތަކާއި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި މީހުން ވަގަށްނަގައި ރަހީނު ކުރުމާއި އާންމުންގެ ގެދޮރަށް ބޮން އަޅައި އަފްޣާން އާންމުން މެރުމާއި އަންހެން ކުދިން ރޭޕްކުރުމަށްފަހު އެކުދިން ހަށިތައް އަންދާލުމާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ކްލިނިކް ތަކަށް ބޮންއަޅައި އެތަންތަން ސުންނާފަތިކުރުމާއި ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ހަނގުރާމައިގެ އަސީރުންނަށް އަނިޔާކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ.
އެމެރިކާ އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ފަހަތުގައިވާ އިސް މަސްއޫލުވެރިންގެ ތެރޭގައި އެގައުމުގެ ކުރީގެ ރައީސް ޖޯޖްޑަބްލިޔު ބުޝް އާއި ކުރީގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް އާއި އެމެރިކާ ސިފައިންގެ ބައެއް އިސް ކޮމާންޑަރުންނާއި ޖެނެރަލުން ހިމެނެއެވެ. އެމެރިކާ އަފްޣާނިސްތާނަށް އަރައި ހިންގި ޖަރީމާތަކުގައި އަފްޣާން އާންމުންގެ ގާތްގަނޑަކަށް ތިން ލައްކަ މީހުން މަރުވެ އެތަށް ހާސްބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.
އެމެރިކާ އަފްޣާނިސްތާނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް، ތާލިބާނުން އަފްޣާނިސްތާނުގައި ބޮންގޮއްވައިގެން ހިންގާފައިވާ ޖަރީމާތަކާ އެއްވަރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދި ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް އެކޯޓުގައި ދައުވާކުރެވޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެމައްސަލަ އެކޯޓަށް ފޮނުވައިގެންނެވެ.
އެމެރިކާއަކީ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތައް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކަށްވާތީ އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް ދައުވާ ކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
އެމެރިކާ އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައުލޫމާތު ހޯދައި އެއްކޮށްފައިވާނެ ކަމަށާ އެކަންތައްތައް ބެލޭނެގޮތެއްވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް ބެންސޫދާ ވިދާޅުވިއެވެ. (ޓާސް ނޫސް އެޖެންސީ)