21 Nov 2017, 10:15
ދިރާގު މޯލްޑިވްސް ރޯޑްރޭސް 2017ގައި ބައިވެރިވާން ބޭނުންވެ އެހެން ނަމަވެސް ފުރުސަތު ނުލިބި ތިބި ފަރާތްތަކަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
ދިރާގުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދާން ހަމަޖެހިފައިވާ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ރޭހުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ރަޖިސްޓްރީވި 3000 މީހުންގެ ތެރޭން، ރޭ 10:00އާ ހަމައަށް ބިބް ނަގާފައި ނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން ކެންސަލްކޮށް، އެ ފުރުސަތުތައް އަލުން ހުޅުވާލާފައި ވާކަމަށެވެ.
ކެންސަލްވި ޖާގަތަކަށް ރެޖިސްޓްރީވުމަށް މިއަދު ހެނދުނު 10:00 އިން ފެށިގެން، ފުރުސަތު ހުޅުވާލާފައި ވާއިރު، އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދޭނޭކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2017ގައި ބައިވެރިވުމަށް އިތުރު ފުރުސަތުތަކެއް މިހާރު ވަނީ ހުޅުވާލާފައި --- ފޮޓޯ: ދިރާގު
"ކުރިން ރެޖިސްޓްރީ ވުމަށް ފަހު، ރޭ 10:00އާ ހަމައަށް ބިބް ނުނަންގަވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން މިވަނީ ކެންސަލް ވެފަ. އެ ޖާގަތަށް އަޅުގަނޑުމެން މި ހުޅުވާލީ މިއަދު ހެނދުނު 10:00 އިން ފެށިގެން،" ދިރާގުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"މިހާރު ބާކީ ހުރި ނަންބަރުތައް ދޫކުރާނީ، އެންމެ ފުރަތަމަ ވަޑައިގަންނަވާ ފަރާތްތަކަށް އިސްކަން ދީގެން. އެހެންވީމަ ހަމަ އައިޑީ ކާޑު ހިއްޕަވައިގެން އަވަހަށް ދިރާގަށް ވަޑައިގަންނަވަންވީ."
ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމުގެ ރޭހެވެ.
ވޭތުވެދިޔަ އަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ދިރާގު ރޯޑު ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝާޓް ދޫކުރަނީ 50 ރުފިޔާއަށްވުރެ މަދު ނޫން ޚައިރާތެއް ކުރުމުންނެވެ.
"ޓީޝާޓްތަކުން ލިބޭ ހުރިހާ ޑޮނޭޝަނެއް ހަމަ ހަމައަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ޕާރޓްނާވި އެން.ޖީ.އޯ ތަކަށް ދިރާގުން ހަދިޔާ ކުރާނެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ "ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން"އެވެ.
މިއީ ވިދި ވިދިގެން ދިރާގު މޯލްޑިވްސް ރޯޑްރޭސް ބާއްވާތާ 11 ވަނަ އަހަރެވެ.
މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ، އެންމެ ފުރަތަމަ ރެޖިސްޓާ ކުރާ 3000 މީހުންނަށެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ކެޓެގަރީ އެވެ. މި އަހަރުގެ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭ ގައެވެ.