އިއްޔެ އަކީ ފިލްމީ ދާއިރާއަށް ހިތާމަވެރި ދުވަހެކެވެ. ފިލްމީ ދާއިރާގައި 21 އަހަރު ހޭދަކުރުމަށް ފަހު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހު ހަމަ ކުއްލިއަކަށް ފިލްމީ ދާއިރާ ދޫކޮށްލީއެވެ. ކުރިން އެއްވެސް ސިގްނަލެއް ނުދީ އެވެ.

ފައްތާހުގެ ކުއްލި އިސްތިއުފާއާ އެކު ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ދާއިރާ އަށް ލޯބި ކުރާ ގިނަ ބަޔަކު އަދިވެސް ތިބީ "ޝޮކެއް" ގަ އެވެ. ކުއްލި ގޮތަކަށް ފައްތާހު ފިލްމީ ދާއިރާ ދޫކޮށްލީ ކީއްވެތޯ ސުވާލު ކޮށްލަ ކޮށްލަ އެވެ. އަދި ވެސް ފައްތާހު މި ދާއިރާއަށް އަންނާނެ ކަމަށް ދެކޭ މީހުން ވެސް އެބަ ތިއްބެވެ.

ފައްތާހު މިއަދު ސަން އަށް ބުނީ "ފިލްމީ ދާއިރާއަށް އެނބުރި ނާންނާނެ" ކަމަށެވެ. "ދިވެހި ފިލްމީ ދާއިރާގައި 21 އަހަރު ހޭދަކުރި އިރު ބެލުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓަށް ފައްތާހު ޝުކުރު އަދާކުރި އެވެ.

"އެކާވީސް އަހަރު ދިވެހި ފިލްމީ ދާއިރާގައި، ދިވެހިރައްޔިތުން މުނިފޫހި ފިލުވައިދިނުމުގައި ހޭދަކުރެވުނީތީ ވަރަށް އުފާކުރަން. އުއްމީދު ކުރަން ބެލުންތެރިން އަޅުގަނޑުގެ ހިދުމަތް ބަލައިގަތް ކަމަށް،"

ފިލްމީ ދާއިރާއަށް ދުރަށް ދިއުމުގެ ކުރިން ފައްތާހު ވަނީ ދެތިން ފިލްމެއްގެ ވާހަކަ ދައްކައިފަ އެވެ. ފައްތާހު ބުނީ އެއިން އެއްވެސް ފިލްމެއްގެ މަސައްކަތް ފަށާފައި ނުވާނެ ކަމަށާއި އެ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

"އެއީ ހިޔާލުތަކެއް. އަމަލީ މަސައްކަތް ފަށާފައި އޮތް އެއްވެސް ޕްރޮޖެކްޓެއް މިވަގުތު ނެތް،"

ފައްތާހު ބުނީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ ޒާތީ ގޮތުން ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ފިލްމީ ދާއިރާގެ ކޮންމެ މީހަކަށް ލިބޭ ކާމިޔާބީއަކީ ކޮންމެ ކުރިއެރުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް. އެއްވެސް ފަރާތަކަށް އެއްވެސް ހިތް ބުރަކަމެއް ނެތް."