21 Nov 2017, 10:04
އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ވެސްޓް ބްރޮވިޗު އަލްބިއަންގެ ކޯޗުގެ މަގާމުން ޓޯނީ ޕިއުލިސް ވަކިކޮށްފި އެވެ.
ޕިއުލިސްގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމްއިން މި ސީޒަނުގައި ނެރެފައި ވަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. އެގޮތުން އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން މޮޅު ވެފައި ވަނީ އެންމެ ދެ މެޗުންނެވެ. މިނަތީޖާތަކުގެ ސަބަބުން ވެސްޓް ބްރޮމް އޮތީ 10 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ.
ޕިއުލިސް މަގާމުން ވަކިކުރުމާ ގުޅިގެން އޭނާ ބުނެފައި ވަނީ ކޯޗުގެ ގޮތުގައި އޭނާއަށް ކްލަބްގެ ވެރިން ފުރުސަތު ދީފައިވާ ކަމަށާއި އެކަމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ކްލަބްގެ ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލުކުރުމުން ޕިއުލިސް ބުނެފައި ވަނީ ކްލަބަގެ މުސްތަގްބަލަށް އެންމެ ރަނގަޅު ގޮތަކީ އަބަދު ވެސް ރަނގަޅު ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ވެސްޓް ބްރޮމްއިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ އިރު އެޓީމަށް އާ ކޯޗެއް ހަމަޖެއްސެންދެން ޓީމުގެ ކޯޗުގެ މަގާމުގައި ހުންނާނީ ޓީމުގެ އެސިސްޓެންޓް ކޯޗު ގެރީ މެގްސަން ކަމަށް ވެސް ވެސްޓް ބްރޮމްއިން ވަނީ އިއުލާން ކޮށްފަ އެވެ.
ވެސްޓް ބްރޮމް އެންމެ އަވަހަށް ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށެވެ.
ޕިއުލިސް އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި މަގާމުން ވަކި ކުރި ފަސް ވަނަ ކޯޗެވެ. ޕިއުލިސް އަކީ މިހާރު ހުސްވެފައިވާ ވޭލްސް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ގެންނަން އެންމެ އެކަށީގެންވާ މީހާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.