ސ. ހިތަދޫ ލިންކްރޯޑުގައި ބާރު ސްޕީޑްގައި ކުޑަ ދެ ކުއްޖަކު ދުއްވި ސައިކަލް ކޮންޓްރޯލް ނުކުރެވި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި، ދެކުދިންނަށް ވެސް ބޮޑެތި ޒަހަމްތައް ލިބިއްޖެ އެވެ.

ސައިކަލް ދުއްވާފައި ވަނީ 15 އަހަރުގެ ކުއްޖެކެވެ. ފަހަތުގައި އިނީ 17 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:21 ހާއިރު ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ކުއްޖާގެ އަނގަމައްޗާއި ނޭފަތާއި ބޮލުގެ ނިތްކުރި މަތިން ފަޅައިގެން ދިއުމުގެ އިތުރުން ހަށިގަނޑުގެ އެކިތަންތަނުން ހަން މަށައިގެން ގޮސްފައިވާ ކަމަށެވެ.

ސައިކަލު ފަހަތުގައި އިން 17 އަހަރުގެ ކުއްޖާގެ ލޯ މަތިން ފުންކޮން ފަޅައިގެން ގޮސް ފައިވާއިރު އަނގަމަތި ފެޅި، މަތީ ދަތްޕިލައިގެ ދަތެއް ބިނދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އޭނާގެ ކުޑަކަޅުވާ މަސްގަނޑުގެ މަތިން މަށައިގެން ވެސް ގޮސްފައި ވެއެވެ.

ސައިކަލު ދުއްވުމުގެ ހުއްދަ ނުލިބޭ އުމުރުގެ ދެ ކުދިންގެ އެކްސިޑެންޓާ ގުޅިގެން އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ނުރައްކާތެރި އެ އެކްސިޑެންޓް ހިނގީ ލިންކުރޯޑުގައި ބާރަށް ދުއްވާފައި ދަނިކޮށް ކަމަށެވެ. އެކްސިޑެންޓް ހިނގީ ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ކަމަށާއި ދެ ކުދިންނާ އެކު ސައިކަލް ޖެހިފައި ވަނީ މަގުމަތީ ހުރި ހޮޅި ދަނޑިއެއްގައި ކަމަށް ވެސް ބުންޏެވެ.

މި ދެ ކުދިންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއީ މި ރޯދަމަސް ފެށުނު ފަހުން އައްޑޫގައި ހިނގި ތިން ވަނަ އެކްސިޑެންޓެވެ. މީގެ ކުރިން ހިނގި ދެ އެކްސިޑެންޓް ވެސް ހިނގީ ބާރު ސްޕީޑްގައި ދުއްވައިގެންނެވެ.