ހަރާރީ(ނޮވެމްބަރު 20): ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް އެގައުމުގެ ރައީސް ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ ޕޯލް މަންގުވާނާ ވިދާޅުވެއްޖެ އެވެ.

މަންގުވާނާ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް އެމައްސަލަ ހުށަހަޅާފައި ވާއިރު މިއަދުގެ ވަގުތެއްގައި ވެސް މުގާބޭ ވެރިކަމުން ދުރުކޮށްފާނެ އެވެ.

ޒިމްބާބުވޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރައީސް މަގާމުން ދުރުކުރެވޭނީ ގާނޫނު އަސާސީއާ ހިލާފު ސީރިއަސް އަމަލެއް ކުރުމުން ނުވަތަ ގާނޫނު އަސާސީ ނެގެހެއްޓުމަށް ނުވަތަ ދިފާއު ކުރުމަށް ނުކުޅެދުމުން ނުވަތަ ވެރިކަން ކުރަން ނުކުޅެދުމުންނެވެ.

މަންގުވާނާ ވިދާޅުވި ގޮތުގައި މުގާބޭ ވެރިކަމުން ދުރުކުރަނީ އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ސަރުކާރު ހިންގުމުގެ ހައްގު ލިބިފައި ނުވި ނަމަވެސް، އޭނާއަށް ގާނޫނީ ބާރުތައް ދިނުމުގެ ސަބަބުންނާއި ގާނޫނު އަސާސީ ތަންފީޒު ނުކުރެއްވުމުގެ ސަބަބުންނެވެ.

"އޭނާ ވަނީ ޒިމްބާބުވޭގެ ގާނޫނު އަސާސީ ތަންފީޒު ކުރައްވަން ދެކޮޅު ހައްދަވާފަ... އަދި އުމުރުން ދުވަސްވުމުގެ ސަބަބުން އޭނާގެ ވެރިކަން ކުރުމުގެ ގާބިލުކަން ވަނީ ގެއްލިފަ،" މަންގުވާނާ ވިދާޅުވި އެވެ.

މުގާބޭ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން މަޖިލީހުގެ މަތީގެ އާއި ތިރީގެއިން ވޯޓެއް ނެގުމަށް ފަހު، އެމައްސަލަ ތަހުގީގު ކުރަން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލާނެ އެވެ. އަދި މުގާބޭ މަގާމުން ދުރުކުރަން އެކޮމިޓީން ލަފާ ދިނުމުންނާއި، މަޖިލީހުގެ މަތީގެ އާއި ތިރީގޭގެ ތިންބައިކުޅަ ދެބައި މެމްބަރުން އެކަމަށް ތާއިދު ކުރުމުން މުގާބޭ ވެރިކަމުން ދުރުކުރެވޭނެ އެވެ.

މުގާބޭ ރައީސްކަމުން ދުރުކޮށްފި ނަމަ އެމަގާމަށް ދެން އަންނާނީ މިހާރުގެ ނައިބު ރައީސް ފެލެކެޒެލާ ފޮކޯ އެވެ. ފޮކޯ އަކީ ގްރޭސްއަށް ތާއިދު ކުރާ ފަރާތެއް ކަމުން އެއީ ޒިމްބާބުވޭގައި މިހާރު ބާރު ހިންގަމުންދާ އެގައުމުގެ އަސްކަރިއްޔާއިން އެންމެ ބޭނުންވާ ގޮތަށް ނުވެދާނެ އެވެ. ސަބަބަކީ ދެން ވެރިކަމަށް އައުމަށް އަސްކަރިއްޔާގެ އެންމެ ބޮޑު ތާއިދެއް އޮތީ ކުރީގެ ބޮޑުވަޒީރު އެމާސަން ނަންގާގުވާއަށެވެ.

އަދި ޒިމްބާބުވާގެ ވެރިކަން ކުރާ ޕާޓީން ވަނީ އެޕާޓީގެ ލީޑަރު ކަމުން މުގާބޭ ވަކިކޮށް އެމަގާމަށް ނަންގާގުވާ އައްޔަން ކުރުމަށް ފަހު، 2018 ވަނަ އަހަރު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ވެސް ނަންގާގުވާ ކަން އިއުލާންކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މުގާބޭ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ގަބޫލު ކުރެވުނު ނަމަވެސް، އޭނާ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާނީ އޭނާ އާއި އަނބިކަނބަލުން ގްރޭސްއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމާއި، އޭނާގެ މިލްކިއްޔާތު ނުނަގާނެ ކަން ޔަގީންވުމުން ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)