20 Nov 2017, 23:36
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫގެ މައްޗަށް ށ. މިލަންދޫ ކުރި ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގު މެޗުގައި ކުޑަހުވަދޫ އަތުން މިލަންދޫ މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު މިލަންދޫ އިން ވަނީ ލަނޑެއް ޖަހައި، ހަމަޖެހިލައިފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އިސްމާއީލް ފަތުހީ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލަންދޫ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އިމްރާނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ހަމަލާއެއް، ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދު މަތަކުރުމާ އެކު ލިބުނު ރީބައުންސް ބޯޅަ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން މިލަންދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް މިލަންދޫގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މިލަންދޫ އިން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އަކުން މިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ސައީދެވެ.
ލީގު ތާވަލަށް ބަލައިލާ އިރު، މިލަންދޫ އޮތީ ކުޅުނު 13 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ. މިރޭގެ މެޗުން ބަލިވި ކުޑަހުވަދޫ އޮތީ ކުޅުނު 13 މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ. ދެން ލީގުގައި ކޮންމެ ޓީމެއް ވެސް ކުޅެން ޖެހޭނީ އެންމެ މެޗެކެވެ.
ލީގުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި އއ. މާޅޮހާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ އިރު، ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި ށ. މިލަންދޫ އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރާ އިރު، އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.