06 Aug 2011, 12:36
ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރި ކުރުމަކީ މަސްވެރިންގެ އަޑު ނާހާ ބޮލާ ޖެހުމަށްފަހު ހަދާފައިވާ އަޑި ނޭނގޭ ޑީލެއް ކަމަށް ޑީއާރްޕީން ބުނެފި އެވެ. މައި އިދިކޮޅު ޕާޓީން ވަނީ އެކަން ކުށްވެރިކޮށް އެ އެގްރިމެންޓް ބާތިލު ކުރުމަށް ވެސް ގޮވާލައިފި އެވެ.
ޑީއާރްޕީގެ މަސްވެރިންގެ ގޮފީގެ ރައީސް އަދި އެޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުން ވެސް ރާއްޖޭ ކަނޑުގެ ސަރަހައްދުތަކުން ލައިންސަސްތަކެއް ދީފައި ހުރި ކަމަށާއި މި ސަރުކާރު އައީ މަސްވެރިން އަޑު އަހާނެ ކަމަށް ބުނަމުން ކަމަށެވެ. އެރ ގޮތުން ކުރީގެ ލައިސަންސްތައް ބާތިލުކުރުމަށް ފަހު ސްރީލަންކާ މަސްވެރިން އަރިބިކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމަށް ހުއްދަ ދިނުމަކީ އެހެން ސިފައެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ލައިސަންސް ދިނުމުގެ ނުރައްކާތެރި ސިލްސިލާއެއްގެ ފެށުން ކަމަށެވެ.
"މިކަން ޑީއާރްޕީން، ޕާޓީގެ މަސްވެރިންގެ ގޮފިން ވަރަށް ބޮޑަށް ކުށްވެރި ކުރަން. އަދި އަޅުގަނޑުމެން މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިދަނީ ތައްޔާރުވަމުން، މިއީ މަސްވެރިންނަށް ދިވެހިންނަށް ވަރަށް އިހާނެތި އެހާ ނުރައްކާތެރި ނިންމުމެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.
ސްރީލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓާ ނިއޮމަލް ޕެރޭރާ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި ސޮއިކޮށްފައިވާ ކަމަށް ލަންކާގެ ހަބަރު ފަތުރާ ވަސީލަތްތައް ކަށަވަރު ކޮށްދީފައިވާ ހަބަރާ ބެހޭ ގޮތުން ޑީއާރްޕީން ބުނަނީ އެ އެގްރިމެންޓް ވަގުތުން ބާތިލު ކުރުމަށެވެ. އަަދި ބުނަނީ އަރަބި ކަނޑަށް ކުރާ ދަތުރެެއްގެ ގޮތުގައި ލަންކާގެ މަސްވެރިން ރާއްޖޭ ކަނޑުގެ ސަރަހައްދުން ކުރާ ވަގު މަސްވެރި ކަމުގެ ހަރަކާތްތައް ބެލޭނެ ގޮތެއް ވަސީލަތެއް ވެސް ރާއްޖޭގައި ނެތް އިރު މިއީ ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.
"މިއީ ހަމަ މަސްވެރިންނަށް، ދިވެހިންނަށް ނިކަމެތިކަން ދޭން ކޮށްފައިވާ ކަމެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.
ސްރީލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓަރް ނިއޮމަލް ޕެރޭރާ އާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައި ވަނީ ރާއްޖެއާ ސްރީލަންކާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ މަސްވެރި އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފި ނަމަ ރައްކާތެރިކަމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމުގެ ފުރުސަތު އެއުޅަނދަކަށް ދޭނެ ކަމަށެވެ.
ޕެރޭރާ ވިދާޅުވި ގޮތުގައި ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ކުރާ ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރެވޭ ނަމަ އެމީހުން ތެލަށް ކުރަން ޖެހޭ ހޭދަ ވެސް ކުޑަވެގެންދާނެ އެވެެ.