ފުވައްމުލަކު ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުރާވަރު ކުއްޖަކު މަރުވެ، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ފުވައްމުލަކު، މާލެގަން، ފެންފިނޮޅު ގޭ، އުމުރުން 17 އަހަރުގެ މުހައްމަދު މުތީއު ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާއަކީ މިއަހަރު ގްރޭޑް 10 ނިންމި ކުއްޖެކެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން"އަށް މިރޭ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންގެ ފައި ބިންދައިގެން ގޮސް، މޫނަށާއި ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އެ ދެ ޒުވާނުންނަކީ ފުވައްމުލަކު ދިގުވާޑު، އަންބަރީ، ޖިނާހު އަލީ އާއި އެ ރަށު ފުނާޑު، ރަކްޝާ، އުމުރުން 19 އަހަރުގެ މިގުދާދު ހުސައިން އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓު ކައިރިން ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ހިނގީ އެ ރަށުގައި ތާރު އަޅާފައިވާ ބޮޑު މަގު، ނައިބު ތުއްތު މަގުގަ އެވެ.

ފުލުހުންނަށް އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 7:15 އެހާކަންހާއިރު އެވެ.