20 Nov 2017, 19:29
ހުނަރުވެރި ފޯވާޑް މުހައްމަދު ޒަމީރު (ޒަމްބޯ)ގެ ހެޓްރިކުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ނ. މާޅެންދޫ އަތުން އެންމެ ފަހުގެ ޗެމްޕިއަން ނ. ހޮޅުދޫން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ތިނެއްގެ މެޗުގައި ހޮޅުދޫން މާޅެންދޫގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ. ހޮޅުދޫއަކީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދޫ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން ---
މާޅެންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގައި ހޮޅުދޫން ކާމިޔާބުކުރި ތިން ލަނޑު ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ހޮޅުދުއަށް ޒަމްބޯ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އެ ޓީމަށް އޭނާ ލީޑު ފުޅާކޮށްދިނީ މެޗުގެ 83 ވަނަ މިނެޓުގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ހޮޅުދޫން ވަނީ މެޗު ނިމުމުގެ ކުރިން ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ހޮޅުދޫގެ ޒަމްބޯ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ހޮޅުދުއަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޒަމްބޯ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދޫ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން ---
އެ މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އެކެއްގެ މެޗެކެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ލަންދޫ އާއި މާފަރެވެ. މުބާރާތުގައި ލަންދޫ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދޫ އަތުން މޮޅުވެފައިވާ އިރު، މާފަރުގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މިލަދޫ އަތުން ބަލިވެފަ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާ ދެކޮޅަށް ނުކުތް ހޮޅުދޫ ޓީމު: އެ މެޗުން ހޮޅުދޫ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން ---
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.