20 Nov 2017, 21:29
ވޭލްސް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު، ކްރިސް ކޯލްމަން ސަންޑަލޭންޑާ ހަވާލުވެއްޖެ އެވެ.
ވޭލްސް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިން އުމުރުން 47 އަހަރުގެ ކޯލްމަން، އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރާ ސަންޑަލޭންޑާ ހަވާލުވީ ދޮޅު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ފަހުން ސަންޑަލޭންޑަށް މި ސީޒަނުގެ ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެ އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ލީގުގައި ސަންޑަލޭންޑް އޮތީ ކުޅުނު 17 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ.
މިދިޔަ ސީޒަނުގައި ސަންޑަލޭންޑަށް އިރުޝާދު ދިން ޑޭވިޑް މޮއިސްގެ ބަދަލުގައި މި ސީޒަނުގައި ސަންޑަލޭންޑާ ހަވާލުވީ ގްރޭސަން އެވެ. މިދިޔަ އޮކްޓޯބަރު މަހު ސަންޑަލޭންޑްގެ ކޯޗުކަމުން ގްރޭސަން ދުރުކުރުމަށްފަހު، ވަގުތީގޮތުން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ ރޮބީ ސްޓޮކްޑޭލް އެވެ.
ސަންޑަލޭންޑާ ހަވާލުވުމަށްފަހު ފުލަމް އަދި ރެއާލް ސޮސިއެޑާޑް އަށް ކުރިން އިރުޝާދުދިން ކޯލްމަން ބުނީ، ސަންޑަލޭންޑްގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
"ސަންޑަލޭންޑްގެ ކޯޗުކަމުގެ މަގާމަށް އަހަރެން ހަމަޖެއްސުމުން ފަހުރުވެރިވަން. އަހަރެންނަކީ މި މަގާމަށް އެންމެ އެކަށޭނެ ކޯޗުކަމަށް ކްލަބުން ނިންމުމުން ވަރަށް އުފާކުރަން. އެންމެ ރަނގަޅު ކާމިޔާބީތައް ހޯދުމަށް ކްލަބުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި،" ސަންޑަލޭންޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޯލްމަން ބުންޏެވެ.