20 Nov 2017, 17:10
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް، ކޮމެޓީން ފާސްކޮށްފި އެވެ.
އިދިކޮޅު މެންބަރުން ބޮއިކޮޓްކޮށްފައިވާ ބައްދަލުވުމުގައި ބަޖެޓް ފާސްކޮށްފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ކޯލިޝަންގެ 12 މެންބަރުންގެ ވޯޓުންނެވެ.
ބަޖެޓުގެ ޖުމްލަ އަދަދަށް އެއްވެސް ބަދަލެއް ގެނެއިސްފައި ނުވި ނަމަވެސް އެއް އިސްލާހު ހުށަހަޅައި ވަނީ ފާސްކޮށްފައެވެ.
އެ އިސްލާހަކީ ކ. ކާށިދޫގައި ޖަލެއް އެޅުމަށް ބަޖެޓްކޮށްފައިވާ ފައިސާ ކ. ހުރާގެ ބިން ހިއްކުމަށް ހަރަދު ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްކޮށްފައި ވަނީ ވެސް 12 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް ބަޖެޓް ރިކޮމަންޑޭޝަންތަކެއްގެ ގޮތުގައި ވަނީ ތިން ނުކުތާއެއް ފާސްކޮށްފަ އެވެ.
ބަޖެޓަށް ހުށަހެޅި ރިކޮމަންޑޭޝަންތައް:
މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތި ނުވާނެ ގޮތުގެ މަތިން ފިނޭންސް މިނިސްޓްރީން ބަޖެޓު ދިނުން
- އާސާސީ ހިދުމަތްތައް ފޯރުކޮށްދޭ ޕްރޮޖެކްޓްތައް ކުރައަށް ގެންދަންވާނީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާވާ ކުންފުނި ތަކަށް ދިނުމަށް އިސްކަން ދިނުން
- ދިރާގު އަދި އެމްޑަބްލިއު އެސްއީ ފަދަ މެޖޯރިޓީ ހިއްސާ ސަރުކާރަށް ބަދަލުކުރެވެން ހުރި މަސަތްކަތްތައް ކުރުން
ދައުލަތުގެ ބަޖެޓްގެ 43 ޕަސެންޓް ހަރަދު ކުރުމަށް ނިންމާފައި ވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް ބަޖެޓްގެ 57 ޕަސެންޓް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ ޕެންޝަނަށާއި މުސާރަ އަށެވެ. ރިކަރެންޓް ހަރަދަކީ ޖުމްލަ 16.1 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 24.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާއެވެ.