ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ރޭސް ކަމަށްވާދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބައިވެރީންނަށް ޓީޝާޓާއި ބިބް ދޫކުރަމުން އެބަދެއެވެ.

ދިރާގުން ބުނީ، އާދީއްތަ ދުވަހު ހެނދުނު 10:00 އިން ފެށިގެން ހޯމަ ދުވަހުގެ ރޭ (މިރޭ) 10:00 އާ ހަމައަށް ބިބް އެކްސްޕޯ ކުރިއަށް ދާނޭ ކަމަށެވެ.

"ބިބް ބަލާ ވަޑައިގަންނަވާ އިރު އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހޭނީ،" ދިރާގުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މިހާރު ކުރިއަށްދާ ބިބް އެކްޕޯގައި އިލެކްޓްރޯނިކް ބިބްގެ އިތުރުން ރޭހުގައި ބޭނުންކުރާ ޓީ ޝާޓްވެސް ލިބިވަޑައިގަންނަވާނެ."

ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމުގެ ރޭހެވެ.

ވޭތުވެދިޔަ އަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ދިރާގު ރޯޑު ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝާޓް ދޫކުރަނީ 50 ރުފިޔާއަށްވުރެ މަދު ނޫން ޚައިރާތެއް ކުރުމުންނެވެ.

"ޓީޝާޓްތަކުން ލިބޭ ހުރިހާ ޑޮނޭޝަނެއް ހަމަ ހަމައަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ޕާރޓްނާވި އެން.ޖީ.އޯ ތަކަށް ދިރާގުން ހަދިޔާ ކުރާނެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ "ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން"އެވެ.

މިއީ ވިދި ވިދިގެން ދިރާގު މޯލްޑިވްސް ރޯޑްރޭސް ބާއްވާތާ 11 ވަނަ އަހަރެވެ.

މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ، އެންމެ ފުރަތަމަ ރެޖިސްޓާ ކުރާ 3000 މީހުންނަށެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ކެޓެގަރީ އެވެ. މި އަހަރުގެ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭ ގައެވެ.