06 Aug 2011, 11:43
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި ސަރަޙައްދުގެ ޤައުމުތަކުގެ އެއްބާރުލުމަށް ރައީސް ނަޝީދު ދެއްވާ އަހަންމިއްޔަތުގެ ރަމްޒެއް ކަމަށް ސީޝެލްސްގެ ރައީސް ޖޭމްސް މިޝޭލް ވިދާޅުވެއްޖެ އެވެ.
އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މިޝޭލްގެ ރޭ ވިދާޅުވީ ދިވެހިރާއްޖެ އާއި މި މުބާރާތުގައި ބައިވެރިވާ އެހެން ހުރިހާ ޤައުމުތައް ވެސް ގުޅިފައިވަނީ، އެއް އުންމީދަކާ ކަމަށެވެ.
ތަރައްޤީވަމުން އަންނަ އިންޑިއަން އޯޝަންގެ ޤައުމުތައް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް މިޝޭލް ފާހަގަކުރައްވާ ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އަޑު އުފުލުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، އެޤައުމެއްގެ ތިމާވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅެންހުރި ފިޔަވަޅުތައް، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅައި، އެކަމަށް ޙައްލު ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.