22 May 2010, 10:34
14:30
ރާއްޖޭގައި ބޭއްވި ތާލިބާނުންގެ ބައްދަލުވުމުގައި އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުންތަކެއް ބައިވެރިވި ކަމަށް ދެކެވޭ ވާހަކަތައް ތާލިބާނުން ވެސް ދޮގުކޮށްފި އެވެ.
ދަ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގައި ހުންނަ ތާލިބާނުންގެ ކޮމާންޑަރެއް ކަމަށްވާ ގާރީ ޒިއާއުއްރަހުމާން ބުނެފައި ވަނީ އެގައުމުގެ ރައީސް ހާމިދު ކަރުޒާއީގެ މަންދޫބުންނާ އެކު ތާލިބާނުން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގުތަކެއް ކަމަށާއި އެވާހަކަތަކަކީ ތާލިބާނުންނާއެކު ކަރުޒާއީއަށް ކޮންމެ ވަގުތެއްގައި ވެސް ސުލްހައިގެ އެއްބަސްވުމަކަށް ވަޑައިގެންނެވިދާނެކަން އެމެރިކާއަށް ދެއްކުމުގެ ގޮތުން ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި އެމެރިކާއާއި އަފްޣާނިސްތާނުގެ ސަރުކާރުން ގުޅިގެން ތާލިބާން ޖަމާއަތް ބައިބައިކޮށް ރޫޅާލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެން ނަމަވެސް މިކަން ކާމިޔާބެއްނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޒިއާއުއްރަހުމާން އިތުރަށް ބުނެފައި ވަނީ ތާލިބާނުންނާއި އަފްޣާނިސްތާނު ސަރުކާރާ ދެމެދު އޮތް ގުޅުން ރަނގަޅު ވެއްޖެކަމުގެ ހީތަކެއް ފެތުރުމަށް ކަރުޒާއީ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެގައުމުގައި މިއޮތް ސަރުކާރަކީ ތާލިބާނުން ގަބޫލުކުރާނެ ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.