ހދ. ކުޅުދުއްފުށީ ސްޕީޑް ލޯންޗުގެ ފަޅުވެރިއަކާއި ކެޕްޓަން ރަހީނުކުރި މީހަކު ހަ އަހަރާއި އަށް މަހަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހާދިސާ ހިނގިއިރު، އެ މީހާ އަކީ ގާނޫނީ ގޮތުން ކުޑަކުއްޖެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.

ދައުލަތުން އުފުލި ދައުވާގައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 4:20 ހާއިރު ހދ. މަކުނުދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ސްޕީޑް ލޯންޗުގައި ގޮސް އެ ލޯންޗުގެ ކެޕްޓަން ކުޅުދުއްފުށީ ބަގީޗާގޭ އަހުމަދު ހަސަން އާއި އެ ލޯންޗުގެ ފަޅުވެރިއަކަށްހުރި ކުޅުދުއްފުށީ ޕާޓީގޭ ޖައުފަރު މުހައްމަދަށް ވަޅިން ބިރުދައްކައިގެން އެކުއްޖާ އާއި އިތުރު ބައެއްގެ ބެލުމުގެ ދަށުން އެ ލޯންޗު އެ އަތޮޅު ވައިކަރަމުރައިދުއަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާއަށް ބުރާސްފަތި ދުވަހު އިއްވި ހުކުމް ގޭގައި ހުރެގެން ތަންފީޒު ކުރާގޮތަށް ޖުވެނައިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ. އަދި އޭނާ އަކީ ވަޒީފާގައި އުޅޭ މީހަކަށް ވާތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ވަޒީފާއަށް ދެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.