20 Nov 2017, 15:03
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކްލަބް އީގަލްސް އާއި އުރީދޫ ޕްރިމިއަރ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.
އީގަލްސް އާއި ނިއު ބައްދަލުކުރާ އެފްއޭ ކަޕް މެޗު އޮންނާނީ މި މަހު 29 ދުވަހުގެ ރޭ 21:00ގައެވެ. ފުރަތަމަ ކުއާޓާ ފައިނަލުގައި ހަމަ އެ ދުވަހުގެ ހަވީރު 16:00 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނިކުންނާނީ މުއިވެޔޮ ފްރެންޑްސް ކްލަބާއި ދެކޮޅަށެވެ. އަދި ކުއާޓާގެ ތިން ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނިކުންނާނީ ކޮންފާ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.
ކުއާޓާގައި ވާދަ ކުރަން ނުޖެހި، މިދިޔަ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކުލަބަށް ސެމީ ފައިނަލުން އޮޓަމެޓިކް ޖާގައެއް ވަނީ ކަށަވަރުވެފައެވެ. ސެމީގައި ޓީސީ ބައްދަލު ކުރާނީ ކުއާޓާގައި މާޒިޔާ އާއި މުއިވެޔޮ ފްރެންޑްސް ކްލަބާއި ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކުއާޓާ ފައިނަލް މެޗްތަކަށް ފަހު ސެމީ ފައިނަލް ފުރަތަމަ މެޗް އޮންނާނީ އަންނަ ޑިސެމްބަރު މަހު ދެވަނަ ދުވަހުއެވެ. ދެ ވަނަ ސެމީ ފައިނަލް މެޗް އޮންނާނީ ތިން ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗު އޮންނާނީ އަންނަ މަހު ހަ ވަނަ ދުވަހުއެވެ.
ވޭތުވެ ދިޔަ އަހަރުގެ ފުޓްބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންޓީމަކީ ވެލެންސިއާއެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.