20 Nov 2017, 15:01
ހިސާބާއި ލިޓްރެސީ ނުވަތަ ލިޔަން ކިޔަން އެނގުމުގެ އިލްމުން ދަރިވަރުން ހޯދާ ނަތީޖާ މިހާރަށް ވުރެ ރަނގަޅު ކުރުމަށް ގައުމީ ސްޓެރެޓެޖީ ޕުލޭނެއް އެކުލަވާލައި މިއަދު އިފްތިތާހުކޮށްފި އެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަސް އަހަރު ދުވަހަށް އެކުލަވާލި އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ މިއަދު ސްޓެލްކޯގައި ބޭއްވި ހަފްލާއެއްގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.
އެ ޕްލޭނާ ގުޅޭ މައުލޫމާތު ދެއްވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ފާތިމަތު ޝަހީމާ ވިދާޅުވީ، ރާއްޖެއަކީ ލިޔަން ކިޔަން ދަތުމުގެ ނިސްބަތް މަތީ ގައުމެއް ނަމަވެސް 21 ވަނަ ގަރުނުގައި ލިޔަން ކިޔަން އެނގުމުގެ ތެރޭގައި ދޭހަވުމާއި ދޭހަކޮށްދިނުން ވެސް ހިމެނޭ ކަމަށެވެ.
ލިޓްރެސީ އަދި މެތެމެޓިކްސް އިލްމުގެ ގައުމީ ސްޓެރެޓަޖީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަމައެއާ އެކު ހިސާބު މާނަ ކުރެވެނީ އެއްކޮށް ކަނޑައި ގުނަ ކުރުން އެކަނި ނޫން ކަމަށާއި ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި ވެސް ހިސާބު ބޭނުން ކުރަން އެނގުމުގެ ގާބިލްކަން ލިބިގެން ވާން ޖެހޭ ކަމަށެވެ.
އެގޮތުން މިއަދު އެކުލަވާލައި އިފްތިތާހު ކުރި ލިޓްރެސީ އަދި ހިސާބު އިލްމުގެ ގައުމީ ސްޓެރެޓަޖީ ޕްލޭން ވުޖޫދަށް އައީ މިހާރު ތަންފީޒު ކުރަމުންދާ ގައުމީ އައު މަންހަޖު ތަންފީޒު ކުރެވެމުންދާ ގޮތާ ގުޅޭ ގޮތުން ކުރެވޭ ދިރާސާތަކާއި އެއްކުރެވޭ މައުލޫމާތުގެ އަލީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ މިހާރުގެ ލިޓަރަސީ އަދި މެތެމެޓިކްސް ހުރި ފެންވަރަށް ރިޔާއަތް ކޮށްގެން މި ކުރި މަސައްކަތް ވެގެންދާނީ އެކުދިންގެ މިފަދަ ހުނަވެރިކަން ނޫނީ ގާބިލްކަން އިތުރުވެ ކުރިއަށް އޮތްތަނުގައި ދަރިވަރުން ކިޔަވާ ހުރިހާ މާއްދާއެއް ކުރިއަށް އެޅޭނެ ސްޓެރަޓަޖީ އެއް،" ޔުނިސެފާ ގުޅިގެން ތައްޔާރު ކުރި އެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޝިހާމާ ވިދާޅުވި އެވެ.
ލިޓްރެސީ އަދި މެތެމެޓިކްސް އިލްމުގެ ގައުމީ ސްޓެރެޓަޖީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިފްތިތާހް ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، އަންނަ ދިރާސީ އައު އަހަރާ އެކު ތަންފީޒު ކުރަން ފަށާ އެ ގައުމީ ސްޓެރެޓަޖީ ޕްލޭނަށް ޓީޗަރުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތަކެއް ވެސް ކުރާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ފަށާ ތައުލީމުގެ މަރުހަލާގައި ދަރިވަރުންނަށް ހާސިލް ކޮށްދޭން ޖެހޭ އެންމެ މަތީ މިންވަރަށް ލިޔަން ކިޔަން ދަތުމާއި ހިސާބުގެ އިލްމާއި ހުނަރު އަށަގެންނެވުމަކީ ދަރިވަރުންގެ ސާނަވީ އަދި މަތީ ސާނަވީ މަރުހަލާ ކާމިޔާބު ކަމާއެކު ނިންމައި މުސްތަގުބަލު އުޖާލާ ކުރުމަށް އެޅޭ މުހިއްމު ބިންގަލެއް ކަމަށެވެ.
އެގޮތުން، 2013 ވަނަ އަހަރުގެ އޯލެވެލްގެ ނަތީޖާ އިން އިނގިރޭސިން ފާސްވި ނިސްބަތް 39 ޕަސެންޓް އަދި ހިސާބުން ފާސްވި ނިސްބަތް 49 ޕަސެންޓުގައި އެ އިލްމުން ނަތީޖާ މަތި ކުރަން މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ލިޓްރެސީ އަދި މެތެމެޓިކްސް އިލްމުގެ ގައުމީ ސްޓެރެޓަޖީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސަޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިދިޔަ 2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އިނގިރޭސިން ފާސްވި ދަރިވަރުންގެ ނިސްބަތް 50 ޕަސެންޓް އަދި ހިސާބުން 60 ޕަސެންޓަށް މަތި ކުރެވުނު ކަމަށެވެ.
"ނަމަވެސް އަޅުނގަޑުމެންނަށް ގަބޫލު ކުރެވުނީ ދުނިޔޭގައި މިހާރު ކުރިއަރަމުންދާ ދާއިރާތަކަށް ބަލާއިރު ހިސާބާއި އިނގިރޭސިން ކުރިއަށް ދިއުމަކީ އަޅުނގަޑުމެންގެ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ކަމެއްކަން،" ހިސާބާ ގުޅޭ ސައިންސްގެ މާއްދާތަކުން އިތުރު ހިދުމަތްތައް ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.