ހަރާރީ(ނޮވެމްބަރު 20): ވަކި ޝަރުތުތަކެއްގެ މަތިން އިސްތިއުފާ ދެއްވަން ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އެއްބަސްވެވަޑައިގެންފި ކަމަށް އެގައުމުގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

ސީއެންއެންގައިވާ ގޮތުން މުގާބޭ ވަނީ އޭނާ އިސްތިއުފާ ދެއްވައިފި ނަމަ އޭނާ އާއި އަނބިކަނބަލުން ގްރޭސްއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށާއި، އޭނާގެ މިލްކިއްޔާތު ނުނެގުމަށް ޝަރުތުކޮށްފައެވެ. އަދި މުގާބޭ ވަނީ އިސްތިއުފާގެ ސިޓީ ލިޔުއްވާފައި ކަމަށާއި ދެން ޖެހޭނީ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ އެސިޓީ ހަވާލު ކުރަން ކަމަށް ސީއެންއެންއިން ބުންޏެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޒިމްބާބުވޭގެ އަސްކަރިއްޔާއިން އެގައުމުގައި ބާރު ހިންގަން ފެށި ފަހުން ގޭ ބަންދުގައި ހުންނެވި މުގާބޭ އިއްޔެ ވަނީ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ލީޑަރު ކަމުން ވަކިކޮށްފައެވެ. އަދި ވެރިކަމުން އިސްތިއުފާ ދެއްވުމަށް 24 ގަޑި އިރުގެ މުހުލަތެއްދީ، އެފަދައިން އަމަލު ނުކޮށްފި ނަމަ ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ވެރިކަމުން ދުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އޭގެ ސަބަބުން ގިނަ ބަޔަކު އުއްމީދު ކުރީ ރޭ މުގާބޭ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް މުގާބޭ ވަނީ އޭނާގެ ޕާޓީގެ ލީޑަރުކަމުން ވަކި ކުރި ނަމަވެސް، އަންނަ މަހު އޮންނަ ޕާޓީގެ ކޮންގްރެސްގައި އިސްކޮށް ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މުގާބޭ އާއި އަސްކަރިއްޔާއާ ދެމެދު ދެބަސްވުން އުފެދުނީ އެގައުމުގެ ނައިބު ރައީސް ކަމަށް އަނބިކަނބަލުން ގްރޭސް ގެނައުމަށްޓަކައި، އެމަގާމުން އެމާސަން ނަންގާގުވާ ދުރުކުރުމުންނެވެ. ނަމަވެސް އިއްޔެ ޒަނޫ-ޕީއެފް ޕާޓީން ވަނީ ގްރޭސް ޕާޓީން ވަކިކޮށް، ޕާޓީގެ ލީޑަރު ކަމަށް ނަންގާގުވާ އައްޔަންކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ނަންގާގުވާ ކަންވެސް އިއުލާންކޮށްފައެވެ. (ސީއެންއެން)