20 Nov 2017, 13:39
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ "މޯލްޑިވިއަން އައިޑޮލް"ގެ ތިން ވަނަ ސީޒަންގެ ވެސް ޓްރެވެލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އައިމިނަތު ޝާޔަން ޝާހިދެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ އެވެ.
އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އައިޑަލްގެ ބޭނުންތަކަށް ވައިގެ މަގުން ކުރަންޖެހޭ ދަތުރުތައް މޯލްޑިވިއަންގައި ހިލޭ ކުރެވޭނެ ކަމަށާއި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އައިލެންޑް އޭވިއޭޝަންގެ އިސްތިހާރު ޕީއެސްއެމްގެ ޗެނަލްތަކާއި އޮންލައިން އަދި ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ހިމަނާނެ ކަމަށް ޕީއެސްއެމްގެ ވެބްސައިޓްގައިވެ އެވެ.
މޯލްޑިވިއަން އައިޑޮލް އަކީ 2015 ވަނަ އަހަރުން ފެށީގެން ޕީއެސްއެމުން ބްރޯޑްކާސްޓް ކުރަމުން އަންނަ ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ވެސް އެ ޝޯވްގެ ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.
އައިޑަލްގެ މިފަހަރުގެ ސީޒަންގައި އެހެން ސީޒަންތަކާ ހިލާފަށް ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލް އާ ގުޅުނު ޒާރާ މުޖުތަބާ އެވެ.